ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގި މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ތައާރަފްކުރި ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން މިއަދު ހޮވައިފި އެވެ.

މި ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާ އެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދޭނެ އެވެ.

މި ސްކޮލާޝިޕްއަށް ހުޅުވާލީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ. އަދި ސްކޮލާޝިޕްއަށް އެތުލީޓުން ހޮވާފައިވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންނެވެ.

މި ސްކޮލާޝިޕްއަށް ހޮވުނު އެތުލީޓުން އިއުލާންކުރަން މިއަދު ހެނދުނު މާލެ ޓޭބަލް ޓެނިސް ހޯލުގައި ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގެންނެވީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުންނާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އޮފިޝަލުންނެވެ.

މި ސްކޮލަޝިޕްގެ ދަށުން ޖެމައިކާގެ ކިންގްސްޓަން ސެންޓަރުގައި ތަމްރީނު ހޯދަން ހޮވުނީ:

  • މަރިޔަމް ރޫޔާ އަލީ - އެތުލެޓިކްސް
  • މުހައްމަދު މިންހަލް ޝާމިން - އެތުލެޓިކްސް

ދުބާއީގައި ތަމްރީނު ހޯދަން ހޮވުނީ:

  • މުހައްމަދު ސާލިމް އަބްދުލް ސަމަދު - ބެޑްމިންޓަން
  • ޝުބާ މުހައްމަދު ޝަރީފް - ބެޑްމިންޓަން

ކްރޯއޭޝިއާގެ ޒަގްރިބްގައި ތަމްރީނު ހޯދަން ހޮވުނީ:

  • ފާތިމަތު ޖުމާނާ ނިމާލް - ޓޭބަލް ޓެނިސް
  • މޫސާ މުންސިފް އަހުމަދު - ޓޭބަލް ޓެނިސް

މީގެ އިތުރުން، ޓެނިސް ކުޅުންތެރިޔާ ލަޔާން މުހައްމަދު ޝާމިން ތަމްރީނު ހޯދާނީ ސްޕެއިންގެ ބާސެލޯނާގަ އެވެ. މިއަދުގެ ރަސްމިއްޔާތުގައި ލަޔާންއަށް ބައިވެރިވެވޭ ގޮތެއް ނުވި އެވެ.