ކުންފުނީގެ އުސޫލުތަކާ ހިލާފަށް އެއްވެސް ފަރާތަކަށް ވަޒީފާއެއް ދީފައި ނުވާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް ސްޓެލްކޯއިން ވަޒީފާތަކެއް ދީފައިވާ ކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ހަބަރަކާ ގުޅިގެން ސްޓެލްކޯއިން ބުނީ އިއުލާން ނުކޮށް، އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އެއްވެސް ވަޒީފާއެއް ދީފައިނުވާ ކަމަށެވެ.

"އިއުލާން ނުކޮށް، ނުވަތަ ކުންފުނީގެ އެޗްއާރު ޕޮލިސީއާ ހިލާފަށް އެއްވެސް ވަޒީފާއަކަށް މީހުން ނަގާފައެއް ނުވާނެ،" ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުންޏެވެ.

ދިޔަރެސް ނޫހުގައިވާ ގޮތުން ސްޓެލްކޯއިން ވަނީ މާލެ އަތޮޅުގެ ރަށްތަކުން އަލަށް ވަޒީފާއަށް ގިނަ ބަޔަކު ނަގާފަ އެވެ. އަދި އެ މީހުންނަށް ވަޒީފާ ހަމަޖައްސާފައި ވަނީ އިއުލާނުކުރުމެއް ވެސް ނެތި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ސްޓެލްކޯއާ ގުޅޭގޮތުން ފަތުރާފައިވާ މިފަދަ ހަބަރުތައް އެކުންފުނިން ވަނީ ދޮގުކޮށްފަ އެވެ.