ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އއ. މަތިވެރީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ބަހައްޓައި، އެ ހިދުމަތް ދޭ ފަށައިފި އެވެ.

ބީއެމްއެލްއިން ބުނީ މަތިވެރީގައި ބެހެއްޓުނު އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މި އިންވެސްޓްމަންޓާއެކު، މިވަގުތު އއ. އަތޮޅު ރަސްދޫގައި ބްރާންޗެއްގެ އިތުރުން ތޮއްޑޫ، އުކުޅަސް އަދި މަތިވެރީގައި ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށް ދަނީ ހިދުމަތްދެމުންނެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކަށް އެންމެ ކައިރީ ބްރާންޗަށް ދަތުރުނުކޮށް ފަސޭހަކަމާއެކު ބޭންކިން ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

"އަލަށް މި ހުޅުވުނު ސެލްފް ސާވިސް ބޭންކިން ސެންޓަ މެދުވެރިކޮށް މަތިވެރި ރައްޔިތުންނަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އެންމެ ބޮޑު ބޭންކިން ވިއުގަ އާއެކު މިހާރު މުޅި ރާއްޖޭގައި އަޅުގަނޑުމެންގެ 140 އޭޓީއެމް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެވޭކަމަކީ އަޅުގަނޑުމެން ފަހަރުވެރިވާ ކަމެއް،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވި އެވެ.

ބީއެމްއެލުން މިހާރު ދަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 83 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 141 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންނާއެކު ހިދުމަތް ދެމުންނެވެ.