ބ. ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ސިއްހީ ނިޒާމް އިތުރަށް ފުޅާކުރުމުގެ ގޮތުން މިއަދުގެ ސަރުކާރުން ކުރިއަށްދާ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ. އަދި މިމަޝްރޫއުގެ ތެރެއިން ރާއްޖޭގެ 15 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ.

މީގެ ތެރެއިން ބ. ތުޅާދޫގައި ތަރައްގީކުރާ ހޮސްޕިޓަލްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 123 މިލއަނަށް ވުރެ ގިނަ ރުފިޔާއަށެވެ. އަދި މިމައްސައްކަތް ހަވާލުކޮށްފައިވާ އެއް އަހަރާއި ފަސް މަސް ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

ތުޅާދޫގައި މިވަގުތު ހުންނަނީ ސިއްޙީ މަރުކަޒެކެވެ.

ބ. އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ތުޅާދޫގައި 3000 އަށްވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ.

އެރަށުގެ ސިއްހީ މަރުކަޒަކީ މިވަގުތު ދެ ޑޮކްޓަރުންނާއެކު، 24 ގަޑިއިރު ޚިދުމަތްދެމުން އަންނަ މަރުކަޒެކެވެ.

ތުޅާދޫ ސިއްޙީ މަރުކަޒުގެ ލެބޯޓްރީން، ޢާއްމު ގޮތެއްގައި ހަދަންޖެހޭ ހުރިހާ ޓެސްޓުތަކެއް ހެދޭނެ އިންތިޒާމުވަނީ ހަމަޖެހިފަ އެވެ.

ތުޅާދޫގައި ތަރައްގީކުރާ އައު ހޮސްޕިޓަލާއެކު އެރަށުގެ ރައްޔިތުން ސިއްހީ ފަރުވާއަށް، އަތޮޅުގެ އެހެން ރަށްރަށަށާއި މާލެއަށް ކުރަމުންއައި ދަތުރުތައް ނިމުމަކަށް އަންނާނެ އެވެ. އެހެންކަމުން އައު ހޮސްޕިޓަލަކީ ތުޅާދޫގެ ރައްޔިތުންގެ އުއްމީދާއި ވަރަށް ބޮޑަށް ގުޅިފައިވާ މުހިއްމު މަޝްރޫއެކެވެ.