ރާއްޖެއަށް މިހާރު 35 ބައިނަލްއަގްވާމީ އެއާލައިންތަކުން ދަތުރުކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 35 ބައިނަލްއަގްވާމީ އެއާލައިނަކުން އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. މިއަދު އިތުރުވެފައި ވަނީ މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ދުވަސްވަރަށް ވާތީ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ޗައިނާގެ ބޯޑަރުތައް ހުޅުވާލުމުން ވެސް ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިމަހުގެ 18ވަނަ ދުވަހު ވަނީ ބެއިޖިން ކެޕިޓަލް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފަ އެވެ. އަދި ޗައިނާގެ އިތުރު ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ޗައިނާ އީސްޓަން އެއާލައިން އާއި ޗައިނާ ސަދަން އެއާލައިން ، ހޮންގްކޮން އެއާލައިނެވެ.

ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރުތައް ބާއްވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 138،593 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.