ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މިފަހަރު ވެސް މުވައްޒަފުންނަށް އެންމެ ބޮޑު ބޯނަސްއެއް ބެހި ރިސޯޓުގެ ގޮތުގައި އަންގްސާނާ ވެލާވަރު ރިސޯޓު ހިމެނިއްޖެ އެވެ.

ސިންގަޕޫރުގެ ބަންޔަން ޓްރީ ގްރޫޕުން ދ. އަތޮޅުގައި ހިންގާ 226 އެނދުގެ ވެލާވަރު ރިސޯޓުން މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 8.7 ހަފުތާ (ގާތްގަނޑަކަށް ތިން މަސް) ގެ މުސާރަ ވަނީ ދީފަ އެވެ. މިއީ 2021 ވަނަ އަހަރު އެ ރިސޯޓުން ބޯނަސްގެ ގޮތުގައި ބެހި އަދަދަށް ވުރެ މަދު އަދަދެކެވެ.

އެ ރިސޯޓުގެ އިސް އޮފިޝަލަކު މިއަދު "ހުރިހާ"އަށް ވިދާޅުވީ މިފަހަރު ބެހި ބޯނަސްގެ މިންވަރު މަދުވީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވިޔަފާރި ދަށްވުމުން ކަމަށެވެ. އެހެން ނޫން ނަމަ ބޯނަސްގެ ގޮތުގައި މިފަހަރު 14.5 ހަފުތާގެ މުސާރަ ކޮންމެ މުވައްޒަފަކަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިމަހުގެ މުސާރަ އާއި ސާވިސް ޗާޖާއެކު ބޯނަސް ވެސް ވަނީ ހުރިހާ މުވައްޒަފުންނަށް ޖަމާކޮށްފައި. މިފަހަރު ވެސް ރާއްޖޭގައި އެންމެ ބޮޑު އަދަދެއް ބޯނަސްގެ ގޮތުގައި ބެހީ މި ރިސޯޓުން،" އެ އޮފިޝަލް ވިދާޅުވި އެވެ.

މަތީ ފަންތީގެ އެ ރިސޯޓުގައި 235 މުވައްޒަފުން މަސައްކަތްކުރެ އެވެ. އަދި ރާއްޖޭގައި އެންމެ ފުރަތަމަ ބޯނަސް ދޭން ފެށި ރިސޯޓުތަކުގެ ތެރޭގައި ވެސް އެ ރިސޯޓު ހިމެނެ އެވެ.

ރާއްޖޭގައި ބޮޑު އަދަދުން ސާވިސް ޗާޖު ދޭ އެންމެ އަގު ބޮޑު ބައެއް ރިސޯޓުތަކުން ބޯނަސްގެ ގޮތުގައި އާއްމުކޮށް ބަހަނީ އެއް މަހުގެ މުސާރަ އެވެ.