މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓު ތަންފީޒުކުރުމަށާއި ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އޮފީސްތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވާފައިވާ މާލިއްޔަތާއިބެހޭ ސާކިއުލާގައިވާ ގޮތުން ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން އެ ސާކިއުލާއަށް އަމަލުކުރަން ޖެހެ އެވެ. އަދި 6 ދާއިރާއަކުން ހަރަދު ކުޑަކުރަން އަމަލުކުރާނެ ގޮތް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ޚަރަދު ކުޑަކުރަން އެންގި ހަ ދާއިރާއަކީ:

  1. މުވައްޒަފުންނަށް ހިނގާ ޚަރަދު
  2. .ދަތުރު ޚަރަދު
  3. .އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާތަކެތި އަދި އޮފީސް ހިންގުމަށް ބޭނުންވާ ޚިދުމަތުގެ ޚަރަދު
  4. .ތަމްރީނު ކުރުމަށް ކުރެވޭ ޚަރަދު
  5. .މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ޚަރަދު
  6. .ކެޕިޓަލް ޚަރަދު

މި ދާއިރާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަމުގެ ތެރޭގައި، މިނިސްޓްރީ ގެ ހުއްދަ ނެތި އާ މަޤާމެއް ނު އުފެއްދުމާއި، ބަޖެޓު ކުރެވިފައިވީނަމަވެސް އައު އެލެވެންސެއް ނުދިނުމަށާއި، ޕްރޮމޯޝަން ނުދިނުމަށާއި ރޭންކަށް އަދި މުސާރައާއި އިނާޔަތްތަކަށް ކުރިއެރުން އަތުވެދާނެ ކަމެއް ނުކުރުން ހިމެނެ އެވެ.

ބަޖެޓުގައި ހިމަނާފައި ވީނަމަވެސް މިހާރު ދޭން ފަށާފައިނުވާ އާ އެއްވެސް އެލަވަންސެއް ފިނޭންސްގެ ހުއްދަ ނެތި އަހަރު ތެރޭގައި ދޭން ނުފެށުމާއި ފިނޭންސްގެ ހުއްދަ ނެތި މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަަށް، ރޭންކަށް އަދި މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ކުރިއަށް ގެންދިއުން ހިމެނެ އެވެ.

ރަސްމީ ގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމޭނެ ގޮތަކަށް މަސައްކަތްތައް ރޭވުމާއި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން ހިމެނެ އެވެ.

ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހެއެވެ. އޭގެ ތެރޭގައި ސްޓަޑީ ޓުއާ އާއި ތަމްރީން ދަތުރުތައް ހިމެނެ އެވެ.

ރާއްޖެ ތެރެއަށް ކަނޑާއި ވައިގެ މަހުން ކުރާ ދަތުރުތަކުގެ ތެރެއިން 35،000 ރުފިޔާއިން ދަށުގެ ދަތުރުތައް ކުރިއަށް ގެންދަން ޖެހެނީ ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު އެވެ. އަދި 35،000 ރުފިޔާއިން މަތީގެ ދަތުރުތައް ކުރުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހެ އެވެ.

އޮފީސް ހިންގުމުގެ ބޭނުމަށް ކޮންމެހެން ހޯދާ ތަކެއްޗާއި ހިދުމަތުގެ ތެރެއިން 35،000 ރުފިޔާއިން ކުޑަ ޕްރޮކިއުމަންޓްތައް ކުރިއަށް ގެންދެވޭނީ ބަންޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިުކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު އެވެ. އަދި 35،000 ރުފިޔާއިން މަތީގެ ޕްރޮކިއުމަންޓްތައް ކުރިއަށް ގެންދިއުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހެއެވެ.

ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ސްކޮލާޝިޕް ސްކީމްތަކުގެ ބޭރުން އެއްވެސް އިތުރު ސްކޮލާޝިޕެއް ނުދިނުމަށާއި ރާއްޖޭން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތައް ފިޔަވައި އިތުރު އެއްވެސް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުން ހިމެނެ އެވެ.

ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ކުޑަ ތަމްރީންތައް ކުރިއަށް ގެންދެވޭނީ ބަންޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިުކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު އެވެ. އަދި 5،000 ރުފިޔާއިން މަތީގެ ތަމްރީންތައް ކުރިއަށް ގެންދިއުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހެއެވެ.

އަމަލީ މަސައްކަތް ފެށިފައިވާ މަރާމާތުގެ މަސައްކަތްތަކާއި މަރާމާތަށް މިހާތަނަށް ރައީސް އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ މަސައްކަތްތަކާއި ދެމުންގެންދާ ހިދުމަތެއް މެދުކެނޑުނަ ނުދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަރާމާތެއް ފިޔަވައި އިތުރު އެއްވެސް މަރާމާތެއް ނުކުރުމަށްވެސް ވަނީ އަންގާފަ އެވެ.

ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ހަރަދެއް ނޫނީ ނުކުރުމަށް ވަނީ އަންގާފަ އެވެ. އެގޮތުން ކުރަންޖެހޭ ހަރަދުތަކުގެ ތެރެއިން 35،000 ރުފިޔާއިން ކުޑަ ކެޕިޓަލް ހަރަދުތައް ކުރެވޭނީ ބަންޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިުކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު އެވެ. އަދި 35،000 ރުފިޔާއިން މަތީގެ ކެޕިޓަލް ތަކެތި ހޯދުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހެއެވެ.

ކައުންސިލްތަކުންވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމުގައި ސާކިއުލާއަށް ރިއާޔަތްކޮށް ހަރަދުތައް ބައްޓަންކުރުމަށާއި ކައުންސިލުގެ ބަޖެޓުގެ ތެރެއިން ހަރަދުތައް ހަމަޖެއްސައި ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ސަމާލުވުމަށް ވަނީ އަންގާފަ އެވެ.