ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އުފެއްދުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މޯލްޑިވްސް އެއާޕޯޓްސް ކުންފުނިން (އެމްއޭސީއެލް) އިން ފަށައިފި އެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އާއި އެމްއޭސީއެލް އާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ޔޫތް މިނިސްޓީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ތޯހާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދާ ތަނެއް ކަމަށެވެ. އަދި އެއާޕޯޓަށް އަންނަ އުމްރާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އެއްވަރަށް ތަމްރީން ލިބިފައިވާ ފަންނީ މުވައްޒަފުން ލިބުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށް ތޯހާ ވިދާޅުވި އެވެ.

ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވާހަކަދައްކަވަނީ. ފޮޓޯ: އެމްއޭސީއެލް

ނަމަވެސް ސަރުކާރުގެ ވައުދާއި އެއްގޮތަށް މިފަދަ ޕްރޮގްރާމެއްގެ ހިންގުމަކީ މުވައްޒަފުން ހޯދުމަށް އެމްއޭސީއެލްއަށް ލިބޭނެ ލުޔެއްކަން ތޯހާ ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ހުރިނަމަވެސް އެވަޒީފާތަކަށް ބޭނުންވާ ފަންނީ ގާބިލް ޒުވާނުން މަދު ކަމަށެވެ. އަދި އެކަމަށް ލުޔެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ރަސްމީ ތައުލީމީ ނިޒާމުން އެކި ސަބަބުތަކާ ހުރެ އެކަހެރިވެފައިވާ ފަރާތްތަކަށް ތަމްރީނުދީ ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވިގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިޔަށް ގެންދަން އެމްއޭސީއެލް އިން ޔޫތު މިނިސްޓްރީއާއެކު ސޮއިކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއޭސީއެލް

މިކަމުގެ ސަބަބުން ވަޒީފާގެ ބާޒާރުގެ ފަންނީ އެކި ދާއިރާތަކަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މީހުން އުފެދިގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރ ހުސައިން ފާހަގަކުރެއްވި އެވެ.

އެމްއޭސީއެލްގައި މިއަދު ފެށި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 225 މީހުން ތަމްރީނުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން ފުރަތަމަ ބުރުގައި ޖުމްލަ 75 ފަރާތްތަކަށް ތަފާތު 20 ދާއިރާއަކުން ތަމްރީނާއި ތަޖުރިބާ ދެވިގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

ހަ މަސް ދުވަހުގެ މިތަމްރީނު ޕްރޮގްރާމްގައި އެމްއޭސީއެލްގެ 50 މުވައްޒަފުންނާއި މި ޕްރޮގްރާމަށް އެޕްލައިކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު 25 ޒުވާނުން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލް އިން ބުނީ މިއީ ގައުމީ ސަނަދުގެ އޮނިގަނޑުގެ ސެޓްފިކޭޓް ލެވެލް 3ގެ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓަރީ އޮފް ހަޔަ އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަދި މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕެންޓް އޮތޯރިޓީ ގުޅިގެން އެއޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކާއި އެއްގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވަން ހިންގާ މިޕްރޮގާމްގެ ދަށުން ޖުމްލަ ތިންހާސް ޒުވާނުން ތަމްރީންކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ.