ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކޮށް ނަގަން ފެށި ފުރަތަމަ މަހު ލިބުނު އާމްދަނީ ދެގުނަ އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ ދިޔަ އަހަރާއި އަޅާބަލާއިރު ދެގުނަ އިތުރުވެފަ އެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން، 1 ޖެނުއަރީން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ޓޫރިޒަމް ދާއިރާގެ ޓެކްސް ނުވަތަ ޓީޖީއެސްޓީ ރޭޓް 12 ޕަސެންޓުން 16 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޓެކްސް ނުވަތަ ޖީއެސްޓީ ރޭޓް ވަނީ 6 ޕަސެންޓުން 8 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 863.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 436.2 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެ ގުނަ އިތުރުވުމެކެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާގެ ޓެކްސް ނުވަތަ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެއީ މުޅި ޖުމްލަ 704.4 މިލިއަން ރުފިޔާ އެވެ. އަދި ޖީއެސްޓީގެ ގޮތުގައި ލިބިފައި ވަނީ 159.4 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސްތަކަށް ގެންނަ ބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް މިއަހަރު ލިބޭނެ ކަމަށެވެ. އެހެންކަމުން ޓެކްސްއަށް ގެނަ ބަދަލުތަކާއެކު ދައުލަތަށް މިހާރު ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.