އިޓަލީގެ ބޮޑު ކްރޫޒް ލައިނާއަކުން ރާއްޖެއަށް 1،620 ޓޫރިސްޓުން އަތުވެއްޖެ އެވެ.

މިއީ މިއަހަރު މާލެއަށް ބަނދަރުކުރި ދެ ވަނަ ކްރޫޒް ލައިނާ އެވެ.

އިޓަލީގެ ކްރޫޒް ލައިނާއެއް ކަމަށްވާ "ކޮސްޓަ ޑެލިޒިއޯސާ" މާލެއަށް ބަނދަރުކޮށްފައި ވަނީ މިއަދުގެ ހެނދުނު އެވެ.

ދިގުމިނުގައި 294 މީޓަރު ހުންނަ ކޮސްޓަ ޑެލިޒިއޯސާއަކީ އެކުންފުނީގެ 5 ވަނައަށް އެންމެ ބޮޑު އުޅަނދެވެ.

ގާތްގަނޑަކަށް 670 މިލިއަން ޑޮލަރުގެ ކްރޫޒް ލައިނާއަކީ 3،000 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓުން 1،620 ޓޫރިސްޓުން މާލެއަށް ފޭބިއިރު، އޭގެ ތެރޭގައި 800 ފަޅުވެރިން ވެސް ހިމެނެ އެވެ.

އިޓަލީގެ ކްރޫޒްލައިނާއިން ރާއްޖެ އައި ޓޫރިސްޓުން މާލޭގެ ރަސްމީ ފާލަމަށް ފައިބަނީ. ފޮޓޯ | ހުރިހާ

ދެ ދުވަހުގެ މުއްދަތަށް ރާއްޖެ އައި މި ކްރޫޒް ލައިނާގެ ރާއްޖޭގެ އެލައަންސް މެނޭޖްމަންޓް ސާވިސަސް ކޮމްޕެނިީ (އޭއެމްއެސްސީ) އެވެ.

މި ބޯޓު ރާއްޖެ އައީ އިންޑިއާގައި ވެސް މަޑުކުރުމަށްފަހު އެވެ.

އެކި ގައުމުތަކުން މީހުން ގޮވައިގެން ދަތުރުކުރާ މި ކްރޫޒްލައިނާއިން އައި ގިނަ އަދަދެއްގެ ބަޔަކު އެކި ރިސޯޓުތަކަށް ވެސް ދިޔަ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު މާލޭގެ އެކި ތަންތަން ބަލާލަން ވެސް ދިޔަ އެވެ.

އިޓަލީގެ ކްރޫޒްލައިނާއިން ރާއްޖެ އައި ޓޫރިސްޓުން މާލޭގެ ރަސްމީ ފާލަމަށް ފައިބަނީ. ފޮޓޯ | ހުރިހާ

މި ކްރޫޒް ލައިނާގެ އިތުރުން މިދިޔަ މަހު ވެސް ވަނީ 1،000 އަށް ވުރެ ގިނަ ޓޫރިސްޓުންނާއެކު ޖަރުމަނުގެ ކްރޫޒް ލައިނާއެއް ކަމަށްވާ "އެމްއެސް އާރްޓާނިއާ" ވެސް ރާއްޖެ އައިސްފަ އެވެ. މިކްރޫޒް ލައިނާ އައްޑޫއަށް ވެސް ދިޔަ އެވެ.