ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށްފަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަހަކީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮވިޑަށް ފަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިއްޔެ ކަމަށެވެ. އެގޮތުން އިއްޔެ ރާއްޖެއަށް 8028 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ. އަދި މިއީ ރެކޯޑް އަދަދެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މީގެ ކުރިން މި ރެކޯޑު ގާއިމުކޮށްފައި ވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. އޭރު އެއް ފަހަރާ 7،768 ޓޫރިސްޓުން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް 1،211 ތަނަކަށް ވަނީ ޙުއްދަ ދީފައެވެ. އޭގެތެރެއިން މިހާރު ޚިދުމަތްދެމުން އަންނަނީ، 1،207 ތަނަކުންކަމަށް ވާއިރު، އެއީ 168 ރިސޯޓާއި، 13 ހޮޓަލާއި، 869 ގެސްޓްހައުސްގެ އިތުރުން 157 ސަފާރީއެވެ.

އަހަރުގެ މިހާތަނަށް ޖުމްލަ 240621 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 32 ޕަސެންޓްގެ ކުރިއެރުމެކެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިން އެވްރެޖްކޮށް އަށް ރޭ ރާއްޖޭގައި ހޭދަ ކުރެ އެވެ.ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.