ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ލ. ބޮޑުފިނޮޅުގެ އެއްބަސްވުން ބާތިލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ލ. ބޮޑުފިނޮޅާއި ލ. ގަމު ތުނޑީ އަވަށުގެ ބޮޑު ސަރަޙައްދެއް 2008 ވަނަ އަހަރު އަމިއްލަ ފަރާތްތަކާ ހަވާލުކޮށްފައި ވަނީ ޓްރެއިނިން ރިސޯޓެއް ތަރައްގީ ކުރުމަށެވެ. އެ މަސައްކަތް ހަވާލުކުރިތާ 13 އަހަރު ފާއިތުވީއިރު ވެސް، މި މަސައްކަތުގެ އަމަލީ މަސައްކަތެއް ފެށިފައެއް ނުވެ އެވެ.

ބޮޑުފިނޮޅުގެ ގުޅޭ ގޮތުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިޝާމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސުވާލު ކުރެއްވުމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ، ޕްރިމިއާ އެކިއުޓީ ޕްރައިވެޓް ލިމިޓެޑަށް ދިން، ބޮޑުފިނޮޅު ތަރައްގީކުރުމުގެ މަޝްރޫއު ހުއްޓިފައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވިފައިވީ ނަމަވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ލ. އަތޮޅުގެ މަޖިލިސް މެންބަރުންނާއި، ކައުންސިލް މެންބަރުން އަދި އެ އަތޮޅު ކައުންސިލުން ވެސް ޕްރިމިއާ އެކްޓިވިޓީ ޕްރައިވެޓް ލިމިޓެޑަށް ބޮޑުފިނޮޅު ތަރައްގީ ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

"މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ކޯޓުން ބޭރުގައިދަނީ މަޝްވަރާތައް ކުރެވެމުން، އެހެންނަމަވެސް ޕްރީމިއާ އެކިއުޓީ ހުށަހަޅާ އަގާއި، ސަރުކާރުން ހުށަހެޅުމާއި ދެފަރާތުން އެއްބަސްވުން ނުވެވޭތީ މި މައްސަލަ ކޯޓުން ބޭރުން ކާމިޔާބު ކުރެވުމާއި މެދު މިހާރު ވަނީ ސުވާލު އެފެދިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ އެއްބަސްވުން ބާތިލްކުރުމަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދައުލަތުން ދައްކަން ޖެހޭކަ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުދާތީ އެ ފިޔަވަޅު ވެސް އަޅަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަޝްވަރާތަކުގައި ތާށިވެފައި މިތިބީ، ދެން އޮތީ އެތަން ވަކި ކުރާނީތޯ، އެކުންފުނިން ދައުލަތަށް ދައްކާފައިވާ 2.7 މިލިއަން ޑޮލަރުގެ ބަދަލާއި، މި ބަދަލުތައް ދޭނެ ގޮތަކާއި މެދު ވިސްނަން ޖެހޭ، ތަނެއް ވަކި ކުރަން ޖެހިއްޖެޔާ އެކަން ކުރަންޖެހޭ، އެހެންނަމަވެސް އެތަނުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ، އެހެންވީމަ ބަދަލެއް ދީފައި ވެސް އެބަ ޖެހޭ އެތަން ވަކި ކުރަން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް ޓްރެއިނިން ރިސޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުމާއެކު މިނިސްޓަރު ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށް ރާއްޖޭގައި ބައިނަލްއަގުވާމީ ޔުނިވަސިޓީ ނުވަތަ ކޮލެޖު ހުރުން މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން ލ. ކައްދޫ އެއާޕޯޓު ފުރިހަމަ ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބަދަލުވެގެންދާއިރު، އެ ސަރަޙައްދަށް ފަތުރުވެރިކަމުގެ އެނދު ބޭނުންވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ނުހެދި ހުރި ރަށްތަކުގެ އެއްބަސްވުންތައް ބާތިލްކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ޙާލަތްތަކުގައި ކޯޓަށް ގޮސްގެން ދައުލަތުން ބޮޑެތި ބަދަލުތައް ދައްކަން ޖެހިފައި ހުރި ކަމަށާއި، މިކަމަށް ހައްލެއް ގެނައުމަށް ރިސޯޓު އެއްބަސްވުންތަކުގައި ލިކިއުޑޭޓު ޑެމޭޖަސް ހިމަނައި، ދައުލަތަށް ރިސޯޓު ނުހެދި ހުރުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދޭނެ ގޮތްތެއް ހަދަން ޖެހިފައިވާ ކަމަށްވެސް ޓޫރިޒަމް ޑރ މައުސޫމް ވިދާޅުވި އެވެ.