މިދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 287,977 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެއާ ހަމައަށް ރާއްޖެއަށް 287،977 ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރީ 149,011 މިލިއަން ފަތުރުވެރިންނެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކުރީ އިންޑިއާ ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން އައީ ރަޝިޔާ، އިނގިރޭސިވިލާތް، ޖަރުމަންވިލާތް އަދި އިޓަލީންނެވެ.

ނަަމަވެސް މިއަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާ ވަނީ ލިސްޓުގެ ދެވަނައިގައި ހިމެނިފަ އެވެ. މީގެ ކުރިން 241،369 ފަތުރުވެރިން އިންޑިއާއިން ޒިޔާރާތްކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 31,684 އަށް ދަށްވެފަ އެވެ.

މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4800 ފަތުރުވެރިން އާދެ އެވެ. މިއަހަރުގެ ކޮންމެ މަހަކު ވެސް ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފަ އެވެ.