ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގާ އެއާޕޯޓުތަކުން ދެމުން އަންނަ ގްރައުންޑް ހޭންޑްލިން ފީ ބޮޑުކުރަން ނިންމައިފި އެވެ.

ގްރައުންޑް ހޭންޑްލިން ފީއަކީ އެއާޕޯޓަށް ޖައްސާ ކޮންމެ ބޯޓަކަށް ދޭ ހިދުމަތްތަކަށް ނަގާ ފީ އެކެވެ. އެ ފީ ނަގަނީ ބޯޓު ނައްޓާލާއިރުއާއި ޖައްސާއިރު އެ ދޭ ރޭމްޕް ހިދުމަތް ތަކަށެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ މިހާރު ހުރި އަގުތަކަކީ މީގެ ވިއްސަކަށް އަހަރު ކުރިން ކަނޑައަޅައިފައި ހުރި އަގުތަކެއް ކަމަށެވެ. އަދި ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަގަށް ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށާއި، މި ފީއަށް ގެނެސްފައި ވަނީ 10 އިންސައްތަ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ގްރައުންޑް ހޭންޑްލިން ފީއަށް ބަދަލުގެނެސްފައިވާއިރު، ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުމަށް ވިޔަފާރި އުސޫލުން ކަންތައްތައް ކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ.

އަތޮޅުތަކުގެ އެއާޕޯޓްތައް ބެލެހެއްޓުމަށް ސަރުކާރުން ވަކި ކުންފުންޏެއް އުފައްދަވައި، އެ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން މިވަގުތު ހަ އެއާޕޯޓެއް އަންނަނީ ހިންގަމުންނެވެ. އެއީ ހއ. ހޯރަފުށި އެއާޕޯޓް، ހދ. ކުޅުދުއްފުށި އެއާޕޯޓް، ށ. ފުނަދޫ އެއާޕޯޓް، ގދ. މާވަރުލު އެއާޕޯޓް، ފުވައްމުލައް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ.