ވެލާ ރިސޯޓުން މިދިޔަ ފެބްރުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި 2،431.67 ޑޮލަރު ކޮންމެ މުވައްޒަފަކަށް ބަހައިފި އެވެ.

ވެލާ ޕްރައިވެޓް އައިލެންޑަކީ ކޮންމެ މަހަކު ވެސް އެންމެ މަތިން ސާވިސް ޗާޖު ބަހަމުން އަންނަ ރިސޯޓެއް ގޮތުގައި ފާހަގަ ކުރެވިފައިވާ ރިސޯޓެކެވެ.

ނ. އަތޮޅުގައި ހިންގާ އެންމެ މަތީ ފެންވަރުގެ އެ ރިސޯޓުން މިދިޔަ ފެބްރުއަރީ މަހު ވަނީ ކޮންމެ މުވައްޒަފަކަށް 2،431.67 ޑޮލަރު (37،496.35 ރުފިޔާ) ދީފަ އެވެ.

އެ ރިސޯޓުގެ އިތުރުން މިދިޔަ މަހު ދެވަނައަށް އެންމެ ބޮޑު އަދަދެއްގެ ސާވިސް ޗާޖުގެ ގޮތުގައި ބަހާފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިސްޓް ހޮޓެލް ގްރޫޕް، ރިޒް ކާލްޓަން ރިސޯޓުންނެވެ. އެ ރިސޯޓުން 2،407.83 ޑޮލަރު ކޮންމެ މުވައްޒަފަކަށް ވަނީ ދީފަ އެވެ.

ތިން ވަނަ އަށް އެންމެ ގިނަ އިން ސާވިސް ޗާޖް ބަހާފައިވަނީ ނ.އަތޮޅުގައި ހިންގާ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 2،243.53 ޑޮލަރު ވަނީ ދީފަ އެވެ. ހަތަރު ވަނާގައި އޮތް ވަލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓުން ސާވިސް ޗާޖް ގޮތުގައި ދީފައިވަނީ 2،005.67 ޑޮލަރެވެ.

މިދިޔަ މަހު 1،000 ޑޮލަރުން މަތިން ސާވިސް ޗާޖް ބަހާފައިވަނީ 18 ރިސޯޓަކުންނެވެ. އަދި 999 ޑޮލަރާއި 500 ޑޮލަރާ ދެމެދު ސާވިސް ޗާޖް ބަހާފައިވަނީ 27 ރިސޯޓުންނެވެ.

ސާވިސް ޗާޖް

ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.