ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިންގެ ޚިދުމަތަށް ލޮގިންވާން މަސައްކަތްކޮށް ލޮގިން ފެއިލްވާ ކޮންމެ ފަހަރަކު އެ އެކައުންޓެއްގެ ވެރިފަރާތުގެ ސަމާލުކަމަށް އެ ކަން ގެނެސްދިނުމުގެ ގޮތުން ނޮޓިފިކޭޝަން ފޮނުވައިދޭން މިހާރު ފަށައިފައިވާކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މުހައްމަދު ސައީދު ވިދާޅުވީ މީގެ ކުރިން ލޮގިން ނޮޓިފިކޭޝަން އަންނާނީ ލޮގިންވެވުމުން، ލޮގިންވެވިފައިވާކަން އަންގައިދިނުމުގެ ގޮތުން އެކަނި ކަމަށެވެ.

ނަމަވެސް އަލަށް ތައާރަފުކުރި މި ހިދުމަތާއެކު އިންޓަނެޓް އަދި މޮބައިލް ބޭންކިންއަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ އެ ހިދުމަތް މެދުކެނޑޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ހާލަތެއްގައި ވެސް ނޮޓިފިކޭޝަން އަންނާނީ އެ އެކައުންޓެއްގެ ވެރިފަރާތުގެ ނަމުގައި ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލަށެވެ.

"އިންޓަނެޓް ބޭންކިންއަށް ވެސް މޮބައިލްއަށް ވެސް ޔޫޒާ ނޭމް ޕާސްވޯޑް ޖަހައިގެން ލޮގިންވާން މީހާކު ޓްރައިކުރާއިރު ނުބައި ޕާސްވޯޑެއް ނޫނީ ނުބައި ޔޫސާ ނޭމެއް ޖަހައިގެން އަނެއްހެން ބުނަންޏާ، ފެއިލްޑް ލޮގިންއެއް އަންނަ ހާލަތުގައި ފޮނުވާ ނޮޓިފިކޭޝަނެއް މިއީ،" ސައީދު ވިދާޅުވި އެވެ.

އިންޓަނެޓާއި މޯބައިލް ބޭންކިންއަށް ގިނަ ބަޔަކު ބަރޯސާވާއިރު، ވައްކަންކޮށް ފޭރޭ މީހުން ބޭންކިން ޚިދުމަތުގެ ތެރެއިން ފައިސާ ފޭރުމަށް މަސައްކަތްކުރެ އެވެ.

އެކައުންޓުގެ ޔޫސާ ނޭމާއި ޕާސްވޯޑް އަތުޖެހުމުން ނުވަތަ އެ މީހެއްގެ މެއިލްގެ ޕާސްވޯޑް އެނގޭ ހާލަތެއްގައި އެކައުންޓު ހެކްކޮށް ފައިސާ ފޭރުން ފަދަ ކުށްތަކަށް މަގުފަހިވެއެވެ.

އެހެންކަމުން އިންޓަނެޓާއި މޮބައިލް ބޭންކިން ޔޫސާނޭމާއި ޕާސްވޯޑް އެއްވެސް މީހަކާ ހިއްސާ ނުކުރުމަށާއި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް، ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށް ބޭންކުން އިލްތިމާސްކުރެ އެވެ.

ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭންކުން މެދުނުކެނޑި މަސައްކަތްތައް ކުރަމުންދާނެ އެވެ.

ސެކިއުރިޓީ ފީޗާސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ތައާރަފްކުރާނެ އެވެ.

ބޭންކުން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ ސްކޭމް އުކުޅުތައް ދެނެގަނެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށެވެ.