ކުންފުނީގެ އުސޫލުތަކާ ހިލާފަށް، އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެ ކަމަށް ބުނެ ކަސްޓަމަރަކަށް އޮޅުވާލައިގެން ފައިސާގެ މުއާމާލާތެއް ކުރި އެޗްޑީސީގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.

އެޗްޑީސީގެ މުވައްޒަފަކު ކ. ތިލަފުށިން އެއް މިލިއަން ރުފިޔާއަށް ވިއްކި ކަމަށް ބުނެ މީޑިއާގައި ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން، އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ކުންފުނީގެ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާ ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށް ބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން އެޗްޑީސީއަށް ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާ، އެ މުވައްޒަފު ވަގުތުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި ކަސްޓަމަރަށް އޮޅުވާލައިގެން ފައިސާގެ މުއަމާލާތެއްކޮށް، އެ މުވައްޒަފުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާޖަމާކޮށްފައިވާ ކަން މި މައްސަލައިގެ ތަހުގީގުގައި މި އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"މި ކޯޕަރޭޝަނުގެ ފަރާތުން ފައިސާގެ އެއްވެސް މުއާމާލާތެއް އަމިއްލަ މުވައްޒަފެއްގެ ބޭންކްއެކައުންޓެއް މެދުވެރިކޮށް ނުކުރާނެ. މި ކަމަށް އާއްމު ރައްޔިތުން ސަމާލުވުމަށް މި ފުރުސަތުގައި ނަސޭހަތްތެރިވަން. އަދި ދަންނަވަން. މި މައްސަލާގައި އެއް މިލިއަން ރުފިޔާގެ ބިމެއް ވިއްކާފައިވާކަމަށް މީޑިއާގައި ޝާއިއުކޮށްފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫން. އެ މުވައްޒަފަށް ބިމެއް ވިއްކުމުގެ ފުރުސަތެއް މި ކޯޕަރޭޝަންގެ އުސޫލުތަކުގެ ތެރެއިން ލިބިފައެއްނުވޭ،" އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ އެޗްޑީސީން ބިންވިއްކުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައި ވަނީ ހަރުދަނާ ދެފުށް ފެންނަ ހަމަހަމަ އުސޫލުތަކެއް ކަމަށެވެ. މިގޮތުން އާއްމުކޮށް ހުޅުވާލައިގެން ގެޒެޓުގައި އިއުލާންކުރުމަކާ ނުލާ، އަދި އެޗްޑީސީގެ ބިޑް ޕޯޓަލްގައި ރެޖިސްޓާ ނުވާ އެއްވެސް ފަރާތަކަށް ބިމެއް ނުވިއްކާނެ ކަމާއި އަދި ބިން ވިއްކުމަށް ހުޅުވާނުލާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

"ވީމާ، މި އަމަލަކީ އެންމެ ހަރުކަށި އިބާރާތުން މި ކޯޕަރޭޝަނުން ކުށްވެރި ކުރާ އަމަލެއްކަން ފާހަގަކޮށް، އަދި، މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައިވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަން. އަދި، މިގޮތަށް ޣައިރުގާނޫނީ ގޮތުން، އާންމުކޮށް އިއުލާން ކުރުމަކާއި ނުލާ އަދި އަމިއްލަ އެކައުންޓް ބޭނުންކޮށް ހިންގޭ މުޢާމާލާތުތަކަށް އާއްމުން ސަމާލުވެ، މިފަދަ އަމަލެއް ހިންގާކަން ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް މި ކޯޕަރޭޝަނަށް އެންގުމަށް ވެސް އިލްތިމާސް ކުރަން،" އެޗްޑީސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.