ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މިހާރު ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބޭރުގެ ފަރާތްތަކަށް ދީފި އެވެ.

އެ މައުލޫމާތު ދީފައި ވަނީ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) އިން ބޭއްވި ފަސް ވަނަ އޭޝިއާ ޕެސިފިކް އޭރޯޑްރޮމް އެސިސްޓެންސް ވޯކިން ގްރޫޕް ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން އޮތީ މިދިޔަ ހޯމަ ދުވަހުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސްގަ އެވެ.

މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ ދައުވަތަކަށް އެމްއޭސީއެލުން ވަނީ ވީއައިއޭގައި މިހާރު ކުރިޔަށްދާ ތަރައްގީގެ މަޝްރޫއުތައް ދައްކާލާފަ އެވެ. މީގެ އިތުރުން އެމްއޭސީއެލް އެރޯޑްރޯމް އާއި ގްރައުންޑް އެއިޑްސް އާއި އެއާޕޯޓް އިމަޖެންސީ ސާވިސަސް ގުޅިގެން އެއާޕޯޓަށް ކުރި ޒިޔާރަތުގައި ބައިވެރިންނަށް މެރިން ރެސްކިއު އޮޕަރޭޝަންތަކާ ބެހޭ އެކްސަސައިޒެއް ވެސް ބޭއްވި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި އެކްސަސައިޒް ކުރިއަށް ގެންގޮސްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ދަތުރުތައް ކުރާ ވޯޓާ އެއާޑްރޯމްގަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލް، އެމްއޭސީއެލްގެ ނޫވިލު ސީޕްލޭން ޓާމިނަލް ވެސް އެމްއޭސީއެލް އިން ވަނީ ބައިވެރިންނަށް ދައްކާލައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިދިޔަ ހަފުތާގައި ބޭރުގެ ފަރާތްތަކަށް ދެނީ. ފޮޓޯ: އެމްއޭސީއެލް

މި އެކްސަސައިޒްގައި އެމްއޭސީއެލް އިން ވަނީ އައިކާއޯ އޭޝިއާ އެންޑް ޕެސިފިކް ރީޖަނަލް އޮފީސް (އޭޕީއޭސީ)ގެ ރީޖަނަލް އޮފިސަރު އޮފް އެރޯޑްރޯމް އެންޑް ގްރައުންޑް އެއިޑްސް (އޭޖީއޭ) ޑރ. ޕުންޔާ ރާޖް ޝާކްޔާ އާއި ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) ގެ މަންދޫބުންނާއި ތައިލެންޑް، މެލޭޝިއާ، ސްރީލަންކާ އަދި ފިލިޕީންސްގެ ސްޓޭޓް މެމްބަރުންނާއި މެމްބަރު ގައުމުތަކުގެ އެއާޕޯޓް އޮޕަރޭޓަރުންނާއި ރާއްޖޭގެ ހުރިހާ އެއާޕޯޓް އޮޕަރޭޓަރުން ބައިވެރިވި އެވެ. އަދި ރާއްޖޭގައި ސީޕްލޭން އޮޕަރޭޓަރުން ވެސް ބައިވެރިވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިދިޔަ ހަފުތާގައި ބޭރުގެ ފަރާތްތަކަށް ދެނީ. ފޮޓޯ: އެމްއޭސީއެލް

އެ ކުންފުނިން ބުނީ މި ބައްދަލުވުން ބޭއްވީ ވީއައިއޭގެ އޮޕަރޭޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއޭސީއެލް އިން ކުރާ މަސައްކަތްތައް ދައްކުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. ވީއައިއޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ފަހުގެ މައުލޫމާތުތައްދީ، އެމްއޭސީއެލް އިން ވަނީ ދުނިޔޭގެ ފެންވަރުގެ އެއާޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ދައްކުވައިދީފަ އެވެ.