މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އާއި އެ ކުންފުނީގެ ސަރަހައްދީ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ އާއި ރޯދަ ހަދިޔާގެ ގޮތުގައި އިތުރު 2،000 ރުފިޔާ ދޭން ނިންމައިފި އެވެ.

އެމްޕީއެލް އިން ބުނީ ރަމަޟާން މަހުގެ އިނާޔަތުގެ އިތުރަށް 2000 ރުފިޔާ އެ ކުންފުނީގެ މުވައްޒަފުންނަށް ދިނުމަށް މެނޭޖްމަންޓާއި ބޯޑުން ނިންމީ ބަނދަރުތަކުގައި މަސައްކަތްކުރަމުންދާ ގިނަ މުވައްޒަފުންނަކީ ރަމަޟާން މަހު ވެސް މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރާ ބަޔަކަށް ވާތީ، އެ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

ރަމަޟާން މަހަކީ މާލޭ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދުތައް އިތުރުވާ މަހަކަށްވާއިރު އެމްޕީއެލްގެ އޮޕަރޭޝަންތައް އޮމާންކަމާއެކު ކުރިޔަށް ގެންދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުން ކަމަށް އެމްޕީއެލްއިން ބުނެ އެވެ.