މާލޭގެ ވިޔަފާރި ބަނދަރަށް މިދިޔަ މަހު ދުވާލަކު ބޭލި ކޮންޓެއިނަރުގެ އަދަދު 187 އަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

މިދިޔަ މަހު ކްލިއާ ކުރި ކޮންޓެއިނަރުގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރުވިއިރު، އެމްޕީއެލްއިން ވަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 4،172 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފަ އެވެ. އޭގެ ތެރޭގައި 20 ފޫޓުގެ 2،551 ކޮންޓެއިނަރާއި 40 ފޫޓުގެ 1،621 ކޮންޓެއިނަރު ހިމެނެ އެވެ. އެއީ އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 187 ކޮންޓެއިނަރެވެ. މިއީ ފެބްރުއަރީ މަހާއި އަޅާބަލާއިރު 31 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ފެބްރުއަރީ މަހު ދުވާލެއްގެ މައްޗަށް ކްލިއާ ކޮށްފައި ވަނީ 143 ކޮންޓެއިނަރެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެމްޕީއެލް ބަނދަރަށް މިދިޔަަމަހު ވަނީ 30 ކޮންވެންޝަނަލް ބޯޓާއި 10 ކޮންޓެއިނަރު ބޯޓު ބަނދަރުކޮށްފަ އެވެ.

އެމްޕީއެލްއިން ދޭ ޚިދުމަތްތައް އަވަސްކުރުމަށް އެ ކުންފުނިން އަންނަނޫ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއާކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފަ އެވެ. އަދި އެކުންފުނީގެ ޑިޖިޓަލައިޒޭޝަން މަސައްކަތުގެ ދަށުން ފަސޭހަކަމާއިއެކު މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.