މޯލްޑިވިއަނުން އަލަށް ގެނައި އޭޓީއާރު މަތިންދާބޯޓުގެ ދަތުރުތައް މިއަދު ފަށައިފި އެވެ.

ގައުމީ އެއާލައިނުން މިމަހުގެ ދެވަނަ ދުވަހު ގެނައީ 50 މީހުންގެ ޖާގައިގެ އޭޓީއާރު 006-42 މަރުކާގެ މުޅިން އާ މަތިންދާބޯޓެކެވެ. އެ ކުންފުނިން މިދިޔަ ޖެނުއަރީ ހަތަރު ވަނަ ދުވަހު އޭޓީއާރު 600- 72 މަރުކާގެ ދެ ބޯޓު ރާއްޖެ ގެނެސްފަ އެވެ. 72 މީހުންގެ ޖާގައިގެ އެ ދެ ބޯޓު މިހާރު ވަނީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން ފަށައިފަ އެވެ.

މޯލްޑިވިއަނުން ބުނީ އަލަށް ގެނައި ބޯޓުގެ ފުރަތަމަ ދަތުރަށް ފުރީ 26 މީހުންނާއެކު ލ. ކައްދޫއަށް ދިއުމަށް ކަމަށެވެ.

މޯލްޑިވިއަނުން ދާދިފަހުން ވަނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ ބޯޓެއް ހޯދުމަށް ވެސް އިއުލާންކޮށްފަ އެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 25 ބޯޓު އެބައޮތެވެ. އެއީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ ދެ ބޯޓާއި، ސީޕްލޭންގެ 11 ބޯޓުގެ އިތުރުން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ 12 ބޯޓެވެ.

މޯލްޑިވިއަންގައި މިހާރު ބޭނުންކުރާ ޑޭޝް މަރުކާގެ ބޯޓްތައް ވިއްކާލަން އެ އެއާލައިނުން ވަނީ ނިންމައިފަ އެވެ. އަދި އޭޓީއާރުގެ ބޯޓްތަކަށް މޯލްޑިވިއަންގެ މުޅި ފްލީޓް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ.