މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީ މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު 1.2 ޕަސެންޓް ދަށްވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗު އެ އިދާރާއަށް ލިބިފައި ވަނީ 2.19 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 1.2 ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް މިދޔަ މާޗު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 6.4 ޕަސެންޓް އިތުރުވި ކަމަށް މީރާއިން ބުނެ އެވެ.

މީރާއިން ބުނިގޮތުގައި، މިދިޔަ އަހަރުގެ މާޗު މަހު ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ނޮން ރެޒިޑެންޓް ވިތްހޯލްޑިން ޓެކުހުގެ އާމްދަނީ ދަށްވުމެވެ. އާމްދަނީން ނަގާ ޓެކްސްގެ 2021 ވަނަ އަހަރުގެ ފައިނަލް ޕޭމަންޓް ބައެއް ފަރާތްތަކުން ސުންގަޑީގެ ކުރިން ދައްކާފައިވުމުގެ ސަބަބުން މިދިޔަ މާޗް މަހުގެ އާމްދަނީ، މާޗް 2022 އާ އަޅާބަލާއިރު ދަށްވެފައިވެ އެވެ.

މީގެ އިތުރުން، މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޒޯޓުތަކުގެ ކުލި ނެގުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފައި ވާތީ، މާޗު 2022 އާ އަޅާބަލާއިރު، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ކަމަށް ވެސް މީރާއިން ބުނެ އެވެ.

މިދިޔަ މާޗު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ރިޒޯޓުތަކުގެ ކުލި، ޖީޖީއެސްޓީ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، ނޮން- ރެޒިޑެންޓް ވިތްހޯލްޑިން ޓެކްސް، ޑިޕާޗާ ޓެކްސް އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ މާޗު މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ އިތުރުވުން ކަމަށް މީރާއިން ބުނެ އެވެ. އަދި ރާއްޖެ އަންނާނެ ކަމަށް އަންދާޒާކޮށްފައިވާ ޓޫރިސްޓުންގެ އަދަދަށް ވުރެ މި މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 4.0 ޕަސެންޓް އިތުރުވުމުގެ ސަބަބުން ޓޫރިސްޓުންނާ ގުޅޭ އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް މީރާއިން ބުނެ އެވެ.

މިދިޔަ މާޗު މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 60 ޕަސެންޓް ނުވަތަ 1.31 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުން ނަގާ ކުލިންނެވެ. އެއީ 14.0 ޕަސެންޓް ނުވަތަ 305.61 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 143.33 މިލިއަން ރުފިޔާ (6.6 ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 105.42 މިލިއަން ރުފިޔާ (4.8 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގޮތުގައި 99.20 މިލިއަން ރުފިޔާ (4.5 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 220.17 މިލިއަން ރުފިޔާ (10.1 ޕަސެންޓް) ލިބިފައިވެ އެވެ.

މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 100.99 މިލިއަން ޑޮލަރު ހިމެނެ އެވެ.