ކުޅިވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރު ދިނުމާއި ރާއްޖޭގައި މިފަދަ ކުޅިވަރު ތަކުގައި އަންހެނުންގެ ދައުރު އިތުރުވެގެން ދިޔުމަކީ ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ލިބޭނެ ކުރިއެރުމެއް ކަމަށް ގަބޫލުކުރެވޭތީ އާއި ދިވެހި ގައުމީ ޓީމުތައް މިގޮތަށް ކުޅޭ މުބާރާތްތަކަކީ ދިވެހިންނަށް ފަސޭހަކަމާއެކު ބެލޭނެ މުބާރާތްތަކަކަށް ހެދުމުގެ ރޫހުގައި މި މުބާރާތް ވެސް މީޑިއާނެޓުން މިވަނީ ދިވެހި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފެންނާނެ މަގު ތަނަވަސްކޮށްދީ، ދިވެހިރާއްޖޭގެ އަންހެން ވޮލީ ބޯޅަ ޓީމު ވާދަ ކުރާ ހުރިހާ މެޗެއް އައިސް ޓީވީ މެދުވެރިކޮށް ފެންނާނެ އިންތިޒާމް ހަމަޖައްސާފަ އެވެ. އަދި ޕީއެސްއެމްގެ ޔޭސްޓީވީއިން ފެންނާނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާ ދީފަ އެވެ.

މީގެ އިތުރުން, މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމްއެސް ޑިޖިޓަލް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް މޮބައިލް ޑިވައިސްތަކުން މި މެޗުތައް ވަގުތުން ބަލާލެވޭނެ އެވެ. ވީހާ ވެސް ގިނަ ބަޔަކަށް މި މުބާރާތުގައި ދިވެހި ގައުމީ ޓީމުގެ ކުޅުން ފެންނާނެ ގޮތްވުމަކީ މީޑިއާނެޓުގެ އެންމެ ބޮޑު އުންމީދެވެ.

ވޮލީބޯޅަ އަކީ ފާއިތުވި އަހަރުތަކުގައި ދިވެހިންގެ ތެރޭގައި މަގުބޫލު ކުޅިވަރަކަށްވަނީ ވެފައެވެ. ޚާއްސަކޮށް ރަށްރަށުގަ އާއި ރިސޯޓުތަކުގައި ފޯރިގަދަ ވޮލީ މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ. ދާދި ފަހުން ދިވެހި ފަސްގަނޑުގައި ބޭއްވުނު ފުރަތަމަ ބައިނަލްއަގްވާމީ ވޮލީ މުބާރާތް ކަމުގައިވާ ފޯ ނޭޝަންސް ކަޕް ކުރިއަށް ދިޔައިރު ސޯޝަލް ސެންޓަރުން ފެނިގެންދިޔަ ކުޅިވަރުގެ ރޫހާއި ކުޅިބަލަން ތިބި މީހުންގެ ފޯރި އާއި ޖޯޝުން ވޮލީ ބޯޅައަށް ދިވެހިންގެ ހުރި ޝައުގުވެރިކަން ފާހަގަކޮށްލެވެ އެވެ.

ދިވެހި އަންހެން ގައުމީ ވޮލީބޯޅަ ޓީމު މިފަހަރު މި ކުރިމަތިލަނީ މިއަދު ނޭޕާލުގައި ފަށާ ކާވާ ޗެލެންޖް ކަޕުގައި ވާދަކުރުމަށެވެ. ފޯ ނޭޝަންސް ކަޕުގައި މެލޭޝިޔާ އަދި ސިންގަޕޫރާ ވާދަކޮށް ރިހި މެޑަލް ހޯދި އަންހެން ވޮލީބޯޅަ ޓީމު މި މުބާރާތާ ކުރިމަތިލަނީ ވެސް މެޑަލެއްގެ އުންމީދުގަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ބައްދަލުކުރާނީ ކަޒަކަސްތާނާއި ދެކޮޅަށް ރާއްޖެގަޑިން މިއަދު ހަވީރު 6:15 ގައެވެ. މި މެޗަށް ތައްޔާރުވުމުގެ ގޮތުން ޓީމުން ވަނީ އިއްޔެ ނޭޕާލުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. ޓީމަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ކޯޗެއް ހަމަޖައްސާފައިވާއިރު މިފަހަރުގެ މުބާރާތުގައި ވެސް ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަންކަން ކުރާނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީ ކުޅުންތެރިޔާކަމަށް ގިނަބަޔަކު ފާހަގަކުރާ ހައްވާ ރާޝިދާ އެވެ.

މި މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ޖެހިޖެހިގެން ތިން ދުވަހު ރާއްޖޭގެ އަންހެން ގައުމީ ވޮލީބޯޅަ ޓީމު ވާދަކުރާނެއެވެ. މިއަދު ގެ މެޗަށްފަހު މާދަމާ 5:45 ގައި ޓީމު ވާދަކުރާނީ އުޒްބެކިސްތާނާ އެވެ. އަދި 24 މެއި ގައި އޮތީ އަވަށްޓެރި ސްރީ ލަންކާއާއެކު އޮތް ކުރިމަތިލުމެކެވެ. މި ހުރިހާ މެޗެއް ވެސް އައިސް ޓީވީ އިން ފެންނާނެ އެވެ. ހަމަ އެހެންމެ މި މެޗުތަކުގައި ކާމިޔާބު ހޯދާ ގައުމީ ޓީމު މުބާރާތުގައި ކުރިއަށް ގޮއްސި ކަމުގައިވާ ނަމަ އެ މެޗުތައް ވެސް މީޑިއާނެޓުން އެ މެޗްތައް ވެސް ވަގުތުން ގެނެސްދޭން ވަނީ ހަމަޖައްސާފަ އެވެ.

މީޑިއާނެޓުން ދިވެހިންނާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅެވޭ ކުޅިވަރުގެ ފޯރިގަދަ މުބާރާތްތަކުގެ މެޗުތައް ގެނެސްދިނުމަށް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް ދިވެހި ޤައުމީ ޓީމުތައް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ތަމްސީލުކުރާ މުބާރާތްތައް ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް މީޑިއާނެޓުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

މީޑިއާނެޓްގެ އުންމީދަކީ ގައުމީ އަންހެން ވޮލީބޯޅަ ޓީމު މި މުބާރާތުގައި ކާމިޔާބީ ހާސިލްކުރުމެވެ.