ރާއްޖޭގައި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއެކު ވެފައިވާ އެއްބަސްވުން އާކޮށްފި އެވެ.

މިއަދު ބޭއްވި ހަފުލާއެއްގައި އެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކައެވެ. އަދި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަފީޒެވެ.

ބީއެމްއެލުން ބުނީ އެ އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް އެ ކުޅިވަރުގައި ކުރިއަށްދިއުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްއޮތް ތިން އަހަރު ގައުމީ ޓެނިސް ޗެންޕިއަންޝިޕް ބޭއްވުމަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ގައުމީ ޓެނިސް ޗެންޕިއަންޝިޕަކީ ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް މުބާރާތް ކަމަށާއި ޓެނިސް އެސޯސިއޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޒުވާން އެތްލީޓުންގެ ހުނަރު އިތުރަށް ފުޅާކުރުމަށް އެހީތެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

ބީއެމްއެލުން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ބީއެމްއެލް އަކީ ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރުގެ އިތުރުން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ގައުމީ ޕާޓްނަރަކީވެސް ބީއެމްއެލް އެވެ.

އޭގެ އިތުރުން ސްޕޯޓްސް ސްކޮލަޝިޕް ފަންޑުގެ ދަށުން ބީއެމްއެލުން މިހާރު ދަނީ ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި އެތުލެޓިކްސް، ބެޑްމިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސްގެ ތަމްރީން ހޯދުމަށް ރާއްޖޭގެ ހަތް އެތުލީޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.