ޓެކްސްއާގުޅޭ މުހިއްމު އެއްބަސްވުމެއްގައި ރާއްޖެއާއި މެލޭޝިޔާއިން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މެލޭޝިޔާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ސޮއިކުރީ ޓެކްސް އެވޮއިޑަންސް އެގްރިމަންޓެއްގައެވެ. މިއީ ދެޤައުމުގެ ދެމެދު ކުރެވޭ ވިޔަފާރި މުއާމަލާތްތަކުން އެއް އާމްދަނީއަކުން ދެފަހަރު ޓެކްސް ކުރުން ހުއްޓުވައި، ޓެކުހާއިގުޅޭ މައުލޫމާތުތައް ބަދަލުކުރުމަށް މަގުފަހިކުރާ އެއްބަސްވުމެކެވެ. މީގެއިތުރުން ޓެކްސްއަށް މަކަރު ހެދުން ހުއްޓުވުމަކީވެސް މި އެއްބަސްވުމުން ހާސިލުވާނެ މަގްސަދެކެވެ.

ޓެކްސްއާ ގުޅޭ މައްސަލަތައް ހައްލުކުރުމުގެ އިތުރުން، މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުންވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މެލޭޝިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ފިނޭންސް މިނިސްޓަރު އަހުމަދު މަސްލަންއެވެ. މިއީ ރާއްޖެއިން ސޮއިކުރި ޓެކްސް އެވޮއިޑަންސްއާ ގުޅޭ ތިން ވަނަ އެއްބަސްވުމެވެ. އަދި އިތުރު ޤައުމުތަކާއެކު މިފަދަ އެއްބަސްވުންތައް ޤާއިމްކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.