އެމްޑަބްލިޔުއެސްސީއިން ރ. އިންނަމާދޫ އާއި ނ. ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފި އެވެ.

އިންނަމާދޫ އާއި ހެނބަދޫގެ ފެނުގެ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ ޕްލޭނިން މިނިސްޓްރީ، ފެނަކަ އަދި އެމްޑަބްލިޔުއެސް.ސީގެ ބޭފުޅުން މި ދެރަށަށް ވަޑައިގެންނެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިދެ މަޝްރޫއުގެ ދަށުން އެދެރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ.

މީގެ އިތުރުން، ފެން ރައްކާކުރުމަށް ތާނގީ ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން ވެސް އިންނަމާދޫ އާއި ހެނބަދޫގައި އަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން މިދެ ރަށަށް ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދެވިގެން ދާނެ އެވެ.

އިންނަމާދޫ އާއި ހެނބަދޫގެ ފެނުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ. މި ދެ މަޝްރޫޢުގެ ޖުމްލަ އަގަކީ 92.06 މިލިއަން ދިވެހި ރުފިޔާ އެވެ. މި މަޝްރޫއުގެ ސަބަބުން އިންނަމާދު އާއި ހެނބަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ނިޒާމެއް ލިބިގެންދާނެ އެވެ.