މިސްޓަ މޯލްޑިވްސް 2023ގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި އާބަންކޯ ހަމަޖައްސައި، ބޮޑީ ބިލްޑިން އެސޯސިއޭޝަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ މޯލްޑިވްސް ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ފަރާތުން މި އަހަރު ބާއްވަން ހަމަޖެހިފައިވާ ދެ މުބާރާތެއްގެ ސްޕޮންސާޝިޕަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެގޮތުން އެ އެސޯސިއޭޝަންގެ ފަރާތުން ބާއްވާ މިސްޓަ މޯލްޑިވްސް 2023 ގެ ޓައިޓަލް ސްޕޮންސަރަކީ އާބަންކޯއެވެ. އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒިކްސް ގެ ކޯ – ސްޕޮންސާ އަކަށް ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި ބޮޑީބިލްޑިން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަނާއި އާބަންކޯއާ އެކު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން ---

މި ދެ މުބާރާތް ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރިއަށް މި އޮތް ކުރިއަށް އޮތް ޖުލައި މަހު އެވެ. އެގޮތުން މިސްޓަ މޯލްޑިވްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒިކްސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުބާރާތް މާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި ދެ މުބާރާތުން ވެސް ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި، އެހެނިހެން އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އާބަންކޯއިން މި ދެ މުބާރާތުގައި ހަރަކާތްތެރިވުމަށް ބޮޑީބޮލްޑިން އެސޯސިއޭޝަނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ކުޅިވަރުތަކާއި، ޒުވާނުން ކުރިއަރުވައި ފުރުސަތުތައް ހޯދައިދިނުމަށް އާބަންކޯއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.