މޯލްޑިވްސް ފައިނޭންސް ފޯރަމް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން މިއަދު ސޮއިކޮށްފި އެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ އިވެންޓެކެވެ. މި އަހަރުގެ ފޯރަމް ވެސް ބޭއްވުމަށް ނިންމާފައިވަނީ ނިމިދިޔަ އަހަރު ވެސް ބޭއްވި ކުރުނބާ މޯލްޑިވްސް ގަ އެވެ.

އެގޮތުން މި އަހަރުގެ ފޯރަމް ޚާއްސަކޮށްފައިވަނީ ފިންޓެކް (ފައިނޭންޝަލް ޓެކްނޮލޮޖީސް) އަދި އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) އަށެވެ.

މި ފޯރަމުގައި ފިންޓެކް އަދި އޭއައިގެ ސަބަބުން މާލީ ދާއިރާގައި ބޭނުންކުރާ ބަދަލުތަކާއި އަދި އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާއަށް ހުރި ހިރާސްތަކާއި އަދި ފުރުސަތުތަކާ މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ މާލީ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިވެހި ރާއްޖޭގެ މާލީ ދާއިރާއާ ގުޅުންހުރި އެންމެ ފަހުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް މަޢޫލުމާތު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އެގޮތުން މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތްތަކާއި އެކި ތަޖުރިބާކާރުން އެއްތަނަކަށް އެއްކޮށް، ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ ފޯރަމެވެ.

މި ފޯރަމްގައި ދިވެހި އަދި ބައިނަލްއަޤްވާމީ ސްޕީކަރުން ބައިވެރިވެ، ފައިނޭންސްގެ މުސްތަގުބަލުގައި ފިންޓެކް އާއި އޭއައިގެ ދައުރާއި ރާއްޖޭގެ ފައިނޭންސް ދާއިރާގައި އެ ޓެކްނޮލޮޖީތަކުގެ ދައުރަށް އަލިއަޅުވާލާނެ އެވެ.

ދިރާގަކީ ރާއްޖޭގެ އަސާސީ ދާއިރާތަކާއި ޚިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ މިފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ، ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ.