ދުނިޔޭގެ އެންމެ ފޯރިގަދަ ފުޓުބޯޅަ ލީގުތައް ނިމުމަކާ ގާތްވެފައިވާއިރު 28 މެއި ވާ އާދީއްތަ ދުވަހަކީ ފުޓުބޯޅައަށް ފޯރި ހުންނަ ފަރާތްތަކަށް ޚާއްސަދުވަހެކެވެ. އެންމެ ބޮޑު ލީގުތަކުގައި މި ސީޒަންގައި ކުޅެވޭ އެންމެ ގަދަ މެޗުތައް އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅޭނެއެވެ. ކުރިއަށްދާ ފުޓުބޯޅަ ސީޒަންގެ އެކި ލީގުތަކުގައި ކުޅޭ ފޯރިގަދަ މެޗުތަކެކޭ އެއްފަދައިން މި ދުވަހު ކުޅެވޭ މެޗުތައްވެސް ދިވެހިންނާ ހަމައަށް މީޑިއާނެޓުން ގެނެސްދޭނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގު

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއިން ވަނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ލީގުގެ އެއްވަނަ އާއި ދެވަނަ މެންޗެސްޓާ ސިޓީ އަދި އާސެނަލް އިން ކަށަވަރުކޮށްފައިވީ ނަމަވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ބާކީ އިން ދެ ޖާގައަށް ތިން ޓީމަކުން ފަހު ދުވަހާ ހަމައަށް ވާދަކުރާނެ އެވެ. އެއީ ނިއުކާސަލް ޔުނައިޓެޑް، މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލްއެވެ.

ނިއުކާސަލް ޔުނައިޓެޑުން މިދުވަހު ނިކުންނާނީ މި ސީޒަނުގައި އެދެވިގެންވާ ކުޅުމެއް ނުދެއްކި ގަދަ ހަތަރެއްގެ ޖާގަ ގެއްލިފައިވާ ޗެލްސީ އާ ދެކޮޅަށެވެ. މެންޗެސްޓާ ޔުނައިޓެޑް ލީގުގެ ގަދަ 10 ގައި އޮތް ފުލަމް އާ ދެކޮޅަށް ނިކުންނަ އިރު ލިވަޕޫލް ވާދަ ކުރާނީ ޕްރިމިއާ ލީގުން ރެލިގޭޓް ވެފައިވާ ސައުތެމްޕްޓަން އާއި ދެކޮޅަށެވެ. ޗެމްޕިއަން މެންޗެސްޓާ ސިޓީ މިދުވަހު ބައްދަލުކުރާނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންދާ ބްރެންޓްފަޑް އާ ދެކޮޅަށެވެ.

މި މެޗުތައް ކުޅެ ނިމޭއިރު އިނގިރޭސި ޕްރިމިއާ ލީގުން އަންނަ އަހަރު ޗެމްޕިއަންސް ލީގުގައި ކުޅޭނެ ޓީމުތައް އެނގޭނެ އެވެ. މި ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ 28 މެއި ވަނަ ދުވަހުގެ ރޭގަނޑު ރާއްޖެ ގަޑިން 8:30 ގަ އެވެ. މި މެޗުތަކުގެ އިތުރުން މި ލީގުގެ އެހެން މެޗުތައްވެސް މި ގަޑީގައި ކުޅޭނެއެވެ.

ސްޕެނިޝް ލަ ލީގާ

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ކަން ފުޓުބޯޅައިގެ ގަދަބާރު ބާސެލޯނާއިން ވަނީ ހޯދާފަ އެވެ. ނަމަވެސް ބާސެލޯނާއަށް ފަހު ޓޭބަލްގެ ދެވަނައިން ފެށިގެން ފަސްވަނަ އާ ހިސާބަށް ވާދަވެރިކަން ބޮޑެވެ. ދެ ވަނައިގައި އޮތް ރިއާލް މެޑްރިޑާއި ތިން ވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑާއި ދެމެދު އޮތީ އެންމެ ދެ ޕޮއިންޓުގެ ތަފާތެވެ. އަދި ހަތަރު ވަނަ އާއި ފަސް ވަނައިގައި އޮތް ރިއަލް ސޮސިއެޑާޑް އަދި ވިލަރެއާލް އާއި ދެމެދު ވެސް އޮތީ އެންމެ ފަސް ޕޮއިންޓުގެ ތަފާތެވެ.

28 ވަނަ ދުވަހު އެންމެ ފޯރިގަދަ މެޗަކަށް ވާނީ ގަދަ 4 ގައި ހަނގުރާމަ ކުރަމުންދާ އެޓްލެޓިކޯ މެޑްރިޑް އަދި ރިއަލް ސޮސިއަޑާޑް ބައްދަލުކުރާ މެޗެވެ. މިއީ މިވަގުތު ލީގުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. ޗެމްޕިއަން ބާސެލޯނާ ބައްދަލު ކުރަނީ ޓޭބަލްގެ 12 ވަނައިގައި އޮތް މަޔޯކާ އާއެވެ. ސްޕެނިޝް ފުޓުބޯޅައިގެ ގަދަ ދެ ބާރު ކަމުގައިވާ ރިއާލް މެޑްރިޑް އަދި ސެވިއްޔާ ވެސް މި ދުވަހު ވާދަކުރާނެ އެވެ.

ސްޕެނިޝް ލަލީގާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 28 މެއި ވަނަ ދުވަހުގެ ރޭގަނޑު ރާއްޖެ ގަޑިން 10:00 ގަ އެވެ. މި މެޗުތަކުގެ އިތުރުން މި ލީގުގެ އެހެން މެޗުތައްވެސް މި ގަޑީގައި ކުޅޭނެ އެވެ.

ފްރެންޗް ލީގް 1

ފްރާންސް ގެ ފުޓުބޯޅަ ލީގުގެ ޗެމްޕިއަންކަން ވަރުގަދަ ޕީއެސްޖީ އިން ވަނީ މި އަހަރުވެސް ކާމިޔާބުކޮށްފަ އެވެ. ޖުމްލަ 81 ޕޮއިންޓް ހޯދައިގެން ޕީއެސްޖީ ޗެމްޕިއަންކަން ހޯދިއިރު މިއަހަރުގެ ސީޒަންގައި ގަދަ ހަތަރެއްގައި ލެންސް ހިމެނުމަކީ ގިނަބަޔަކަށް ހައިރާން ކުރުވަނިވި ކަމެކެވެ. ދެ ވަނައިގައި މިވަގުތު އޮތް ލެންސް އާއި ތިން ވަނައިގައި އޮތް މާސޭގެ ދެމެދުގައި އޮތީ އެންމެ ދެ ޕޮއިންޓުގެ ފަރަގެކެވެ. ހަތަރު ވަނައިގައި އޮތް މޮނާކޯ އާއި ފަސް ވަނައިގައި އޮތް ލިލް ގެ ފަރަގު އެންމެ ދެ ޕޮއިންޓަށް ކުޑަވެފައިވުމަކީ ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ހޯދުމަށް ޓީމުތަކުން އިތުރަށް މަސައްކަތްކުރާނެ ސަބަބެވެ.

ޗެމްޕިއަން ޕީއެސްޖީ 28 ވަނަ ދުވަހު ނިކުންނާނީ ސްޓްރަސްބޯ އާ ދެކޮޅަށެވެ. ލީގުގެ ހަ ވަނައިގައި އޮތް ރެނޭ އާއި ހަތަރު ވަނައިގައި އޮތް މޮނާކޯގެ ކުރިމަތިލުން ފޯރިގަދަވާނެކަން ޔަގީނެވެ. މާ ބޮޑު ފަރަގެއް ނެތުމުން ރެނޭ ވެސް ގަދަ ހަތަރު ގެ ޖާގައެއް ހޯދުމުގެ އަޒުމުގައި މި މެޗުން މޮޅުވުމަށް މަސައްކަތް ކުރާނެއެވެ.

28 ވަނަ ދުވަހު ފްރާންސް ލީގުގެ ހުރިހާ މެޗެއް ކުޅޭނީ ރޭގަނޑު 12:00 ޖަހާއިރުއެވެ. ޗެމްޕިއަން ކަށަވަރުވެފައިވީނަމަވެސް މި ލީގުގައި މި ދުވަހު ކުޅެވޭ ހުރިހާ މެޗެއްވެސް ފޯރިގަދަވާނެ ކަން ޔަގީނެވެ.

އިޓާލިއަން ސެރިއާ

33 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ވަރުގަދަ އޭސީ މިލާން، އިންޓަ މިލާން އަދި ޔުވެންޓަސް ފަހަތަށް ޖައްސާލުމަށްފަހު ނަޕޯލީ އިން ވަނީ އިޓާލިއަން ސެރިއާ ގެ ޗެމްޕިއަންކަން ހޯދާފައެވެ. ލީގުގެ 2 ވަނައިގައި ޔުވެންޓަސް އޮތްކަމުގައި ވިޔަސް 2 ވަނައިން ފަށައިގެން 6 ވަނަ އާއި ހިސާބަށް އޮތް ޕޮއިންޓް ފަރަގު ކުޑަވުމުން ގަދަ 4 ގެ ޖާގައަކަށް ޓީމުތަކުން ރަނގަޅު ވާދައެއް ކުރާން ޔަގީނެވެ.

28 ވަނަ ދުވަހު ޗެމްޕިއަން ނަޕޯލީ ނިކުންނާނީ ލީގުގެ 9 ވަނައިގައި އޮތް ބޮލޯނާ އާއި ދެކޮޅަށެވެ. މި މެޗު ފެށޭނީ ރޭގަނޑު 6:00 ގައެވެ. މި ދުވަހުގެ އެންމެ ފޯރިގަދަވާނެ މެޗެއް ކަމުގައި ބެލެވެނީ އިޓަލީ ފުޓުބޯޅައިގެ ގަދަ ދެ ބާރު ޔުވެންޓަސް އަދި އޭސީ މިލާނުގެ ކުރިމަތިލުމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 11:45 ގައެވެ.