މާލެ ސަރަހައްދުގެ ގެތަކުގެ ކަރަންޓާއި ކުނީގެ ބިލް އެއްކޮށްލަން ސްޓެލްކޯ އާއި ވެމްކޯއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އަންނަ މަހުން ފެށިގެން ކުނި ބިލާއި ކަރަންޓް ބިލް އެއްކޮށްލާނެ އެވެ. މިގޮތަށް އަމަލުކުރުމުގެ މިންގަނޑު ކަނޑައެޅިއިރު، ހަމަޖައްސާފައި ވަނީ ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާނަމަ އެއީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގަ އެވެ.

މިފަދަ ބަދަލެއް ގެނައީ ގިނަ ގެތަކުން ކުނީގެ ބިލަށް ފައިސާ ނުދައްކާތީ، ވެކްކޯއަށް މާލީގޮތުން ގެއްލުންވެ، ކުންފުނީގެ ހިންގުމަށް ދަތިތަކެއް ކުރިމަތިވަމުން އަންނާތީ އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ސްޓެލްކޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ މީޓަރުތަކެއް މިހާރު ވަނީ ވެމްކޯގެ ބިލް އެއްކޮށްލެވޭ ގޮތަށް ހަދާފައި ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ އަލަށް ފަށައިގަންނަ މަސައްކަތަކަށް ވުމުން މައްސަލަތައް ހުންނާނެ ކަމަށެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ސިރާޖު ވިދާޅުވީ ކުނީގެ ބިލު ކަރަންޓު ބިލުގައި ހިމެނުމަކީ ބިލު ދެއްކުމަށް އާންމުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމެއް ކަމަށެވެ.

ކަރަންޓް ބިލާއި ކުނި ބިލް އެއްކޮށްލުމަށް ސްޓެލްކޯއާއެކު ވެމްކޯއިން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގާ އަގަށް އަންނަ މަހުން ފެށިގެން ބަދަލު އަންނާނެ އެވެ. އެގޮތުން އެޕާޓްމަންޓަކަށް އަރައި ކުނި ނަގަން އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93ރ. އެވެ. ވެމްކޯއިން ބުނެފައި ވަނީ މާލޭގައި 53,690 ގޭބީސީ ހުންނައިރު ފީ ދައްކަނީ އެންމެ 21،000 ގޭބީސީން ކަމަށެވެ. މި ބަދަލާއެކު ކުނި ބިލް ނުދައްކާ މައްސަލައަށް ދާއިމީ ހައްލު ލިބޭނެ އެވެ. ސަބަބަކީ ސްޓެލްކޯއަށް ބިލް ނުދައްކައިފިނަމަ ކަރަންޓް ކަނޑާލާނެ އެވެ. އެހެންވެ ބިލް ދެއްކުން ނޫން އިތުރު ގޮތެއް ނޯންނާނެ އެވެ.