ޓޫރިސްޓް ހޮޓަލެއް ހެދުމަށް އޭރުގެ އެޗްޑީސީއާ އެކު ސޮއިކުރިތާ 15 އަހަރުވެފައިވާ އެސްޓީއޯގެ 15 ބުރީގެ ހުޅުމާލެ ހޮޓާ ނުނިމި ދިގުލައިގެން ގޮސް އެންމެ ފަހުން އެ ހޮޓާ އާބަންކޯ އަށް ދޫކޮށްލަން އެސްޓީއޯ އިން ނިންމައިފި އެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އާބަންކޯ އަށް ހޮޓާ ދޫކޮށްލުމަށް ސެޓްލްމެންޓް އެގްރީމެންޓެއްގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.

"ހޮޓަލާ ބެހޭ ގޮތުން އާބަންކޯއާ ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވިފައި ވަނީ. އެއްބަސްވެފައި ވަނީ ސިޓީ ހޮޓަލަށް އެސްޓީއޯ އިން ކުރި ޚަރަދުގެ ބަދަލުގައި އާބަންކޯ އިން ދެ ބިން އެސްޓީއޯ އަށް ދޭ ގޮތަށް،" ހުޅުމާލޭ ސެންޓްރަލް ހޮޓަލުގައި ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ސައީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ސައިދު ވިދާޅުވީ އާބަންކޯ އަށް ހޮޓާ ދޫކޮށްނުލެވި ވަނީ ހޮޓަލަށް ކުރި އިންވެސްޓްމަންޓުގެ ބަދަލުގައި ދޭ ދެ ބިމުގެ އެއްބަސްވުމުގައި ސޮއިނުކުރެވޭތީ ކަމަށެވެ.

އެސްޓީއޯގެ ހޮޓާ ބޭރު ބަޔަކަށް ކުއްޔަށް ދިނުމަށް އާބަންކޯ އިން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް، ދާދި ފަހަކާ ޖެހެންދެން ގައުމީ ޝިޕިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސައިދު ވިދާޅުވި އެވެ.

އެސްޓީއޯ އަށް ބޭނުންވާ ޑޮލަރުގެ ތާށި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހަދަން ފެށި ހޮޓާ ވިއްކާލުމަށް އެސްޓީއޯ އިން ވެސް ވަނީ ކުރިން އެތައް މަސައްކަތެއް ކޮށްފަ އެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ހަދަން ފެށި ސިޓީ ހޮޓެލް. ފޮޓޯ: އެސްޓީއޯ

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެންމެ ހިތްގައިމު ސަރަހައްދުގައި ހޮޓަލެއް ހިންގުމަށް ބިމެއް ހޯދުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ އެކު އެސްޓީއޯ އިން ސޮއިކުރީ ޖުލައި 31، 2007 ގަ އެވެ. ހޮޓަލުގެ މަސައްކަތް ފަށައި ހޮޓާ ނިންމަން ތައިލެންޑުގެ އެގްޒިމް ބޭންކާ އެކު އެއްބަސްވުމެއް ހަދައި 32 މިލިއަން ޑޮލަރުގެ ލޯނެއް ނެގި އެވެ. އަދި ހޮޓާ ހިންގުމަށް އެމެރިކާގެ ކާލްސަން ގްރޫޕުގެ ރެޑިސަން ބްލޫއާ އެކު މެނޭޖްމަންޓް އެއްބަސްވުމެއް ހެދި އެވެ. އެސްޓީއޯ އަށް ހޮޓާ އެހެން ބަޔަކަށް ދޫކޮށްލަން އެންމެ ބޮޑަށް ދަތިވި ސަބަބެއް ކަމަށް ވަނީ މެއި 14، 2008 ގައި ރެޑިސަންއާ އެކު ހެދި މި އެއްބަސްވުމުގެ ސަބަބުން ކަމަށްވެ އެވެ.

އެސްޓީއޯގެ ހޮޓާ މަޝްރޫއު ހުއްޓާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2014 ވަނަ އަހަރު އެންގި ނަމަވެސް ފަހުން ވަނީ ހޮޓާ ހިންގަން އެޗްޑީސީއާ އެކު 2020 ގައި އެއްބަސްވުމެއް ހަދައިފަ އެވެ. އަދި އެޗްޑީސީ މެދުވެރިކޮށް ހޮޓާ ވިއްކާލަން ވަނީ ޖެނުއަރީ 2021 ގައި އިއުލާންކޮށްފަ އެވެ.

ފަސް ތަރީގެ ފެންވަރަށް ހަދާ 250 ކޮޓަރީގެ ހޮޓަލުގެ ސްޓްރަކްޗާ މަސައްކަތް ވަނީ ނިންމައިފަ އެވެ.