މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިދިޔަ އަހަރުގެ ފައިދާއިން ސަރުކާރަށް ޑިވިޑަންޑްގެ ގޮތުގައި 67.5 މިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.

ރާއްޖޭގެ ވިޔަފާރި ބަނދަރުތައް ހިންގާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިން މީރުމާ އިވެންޓް ހޯލްގައި ރޭ ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި 2022 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓް ރިޕޯޓާއި އޮޑިޓްކުރެވިފައިވާ އެ ކުންފުނީގެ މާލީ ބަޔާންތައް ފާސްކޮށްފައިވެ އެވެ.

އެމްޕީއެލް އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ޖުމްލަ 809 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު %15ގެ ކުރިއެރުމެކެވެ. އަދި ސާފު ފައިދާގެ ގޮތުގައި ޖުމްލަ 108.9 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ 2021 އަޅާބަލާއިރު %43ގެ ކުރިއެރުމެވެ.

އެމްޕީއެލް އިން ރޭ ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެމްބަރުންނާއި ސީއީއޯ ޝާހިދު އަލީ ވާހަކަދައްކަވަނީ. ފޮޓޯ: އެމްޕީއެލް

މީގެ އިތުރުން މިދިޔަ އަހަރުގެ ޑިވިޑެންޑް އަދި މުވައްޒަފުންގެ އަހަރީ ބޯނަސް ވެސް ފާސްކޮށްފައިވެ އެވެ. އޭގެ އިތުރުން މި އަހަރަށް އެ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރު އައްޔަންކޮށް، އެ ފަރާތުގެ އުޖޫރަ ވެސް ކަނޑައެޅި އެވެ. މި އަހަރަށް މި އެ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޭޕީއެމްޖީ އެވެ.

ރޭ އޮތް އަހަރީ ޢާންމު ޖަލްސާގައި ސަރުކާރަށް ޑިވިޑަންޑްގެ ގޮތުގައި 67.5 މިލިއަން ރުފިޔާ ދެއްކުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވެ އެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު %78ގެ ކުރިއެރުމެކެވެ.

ރޭ ބޭއްވި އަހަރީ ޢާންމު ޖަލްސާގައި މިނިސްޓްރީ އޮފް ފިނޭންސް ތަމްސީލުކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރެވެ. މީގެ އިތުރުން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުގެ ވައިސް ޕްރެޒިޑަންޓް މުހައްމަދު ފިރާޒާއި އޮޑިޓަ ޖެނެރަލްގެ އޮފީހާއި އެމްޕީއެލްގެ އެކްސްޓާނަލް އޮޑިޓަރު ކޭޕީއެމްޖީގެ މަންދޫބުން ވެސް ބައިވެރިވި އެވެ.

އެމްޕީއެލް އިން ރޭ ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވާހަކަދައްކަވަނީ. ފޮޓޯ: އެމްޕީއެލް

އެ ޖަލްސާގައި ވާހަކަދައްކަވަމުން، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ 2022 ވަނަ އަހަރު ކުންފުނިން ހާސިލްކުރި މުހިންމު ލަނޑުދަނޑިތައް ފާހަގަކުރައްވައިފަ އެވެ. މީގެ އިތުރުން 2022 ވަނަ އަހަރަކީ އޮޕަރޭޝަންސް އާއި މާލީ ގޮތުން ވެސް ކުންފުންޏަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"މި ނިމިގެން ދިޔައީ 2022 ވަނަ އަހަރު އަޅުގަނޑުމެންގެ އާމްދަނީ ވަނީ ޕްރީ-ކޮވިޑްގައި ހުރި މިންވަރަށް އަރައިފައި. އަދި މި އަހަރުގެ މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޕާފޯމަންސް ޕްރީ-ކޮވިޑަށް ވުރެ ވެސް ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ،" ޝާހިދު ވިދާޅުވި އެވެ. "މި އަހަރު ރަމަޟާން މަހަށް ބެލިޔަސް، ވަރަށް ބޮޑުތަނުން މުދާ ގެނެވޭ އަދަދު، ހާއްސަކޮށް ޕްރިޝަބަލްސް އެތެރެކުރި ވަރު އިތުރުވެގެންދިޔަ."

މީގެ އިތުރުން އެމްޕީއެލް އިން ކުރިއަށް ރާވާފައިވާހުރި ޕްރޮޖެކްޓްތަކުގެ މައުލޫމާތާއި، އެ ކުންފުނީގެ ހިންގުމަށް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގެނެވުނު ހެޔޮ ބަދަލުތަކާއި ކުންފުނީގެ ތަސައްވަރާ ގުޅޭގޮތުން ސީއީއޯ ޝާހިދު ވާހަކަދެއްކެވި އެވެ.