މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ވަނީ އެއަރޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު އަބްދުއްރަހުމާނެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް އެކުލަވާލައި، އެ ގަވާއިދުތައް ތަންފީޒްކުރުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަން ސެކްޝަނުން ދަނީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުރަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ގިނަ ފަރާތްތަކަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގައި އެމްއޭސީއެލްއާއެކު ވެސް މިވަނީ ހާއްސަ މަސައްކަތްތަކެއް ކުރުމަށް ފަށައިފަ އެވެ.

އެމްއޭސީއެލްގެ ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓުން ވަނީ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުޅި އަހަރަށް ބަހާލައިގެން ބިނާރުގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފަ އެވެ.

މި ކެމްޕޭންގެ ހަރަކާތެއްގެ ގޮތުން މިއަދު އިފްތިތާހު ކުރި ރޯޑް ސޭފްޓީ އެވެއާނަސް ޕްރޮގްރާމްގެ ދަށުން ކުންފުނީގެ ސީނިއާ މެނޭޖްމަންޓާއި އާންމު މުވައްޒަފުންނާއި ޑްރައިވަރުންނަށް ހާއްސަ ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ތޯހާ ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމާއި، ސްޕީޑް ލިމިޓަށް ވުރެ ބާރަށް ނުދުއްވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލާފަ އެވެ. އަދި ހިނގާފައިވާ ގިނަ އެކްސިޑެންޓްތަކަކީ ބަލަންވާ ވަރަށް ނުބަލާ ދުއްވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކެއްކަން ފާހަގަކޮށް އެއާޕޯޓުގެ މަގުތަކުގައި ހިނގާފައި ދާއިރު ބޮޑެތި ބަސްތަކާއި އުޅަނދުތައް ގިނައިން ދަތުރުކުރާތީ އެކަމަށް ސަމާލުވުމަށް ވެސް ތޯހާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު އަބްދުއްރަހްމާން ވާހަކަދައްކަވަމުން މުވައްޒަފުންގެ ކިބައިން އެދިވަޑައިގަތީ ފަރުދުންނަށް ނުރައްކާވެދާނެ ސަބަބުތައް ދެނެގަތުމުގައި ބޮޑު އަހަންމިއްޔަތެއް ދެއްވުމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފަދަ ކަންތައްތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އެދިވަޑައިގެންނެވި އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށްފަހު އެމްއޭސީއެލްގެ ސީނިއާ މެނޭޖްމަންޓަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.