ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސީ)ގެ މެރިޓް އެވޯޑު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސްޕޮންސާކޮށްފި އެވެ.

އެވޯޑު ސްޕޮންސާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ އެމްއޭސީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ، ކުންފުނީގެ ސީއީއޯ މަހްޖޫބު ޝުޖާއު އެވެ. ސީއެޗްއެސީގެ ފަރާތުން ސޮއިކުރެއްވީ، އެސްކޫލުގެ ޕްރިންސިޕަލް އާއިޝަތު ސަފޫރާ އެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި މި އެމްއޯޔޫއަކީ، އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ހިމެނިގެން ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި މި އެމްއޯޔޫގެ ދަށުން ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ފާސް ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމާއިއެކު އިތުރު ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން އެމްއޭސީއެލްއިން ވަނީ ތިން އަހަރު ދުވަހަށް މެރިޓް އެވޯޑް ސްޕޮންސާ ކޮށްފަ އެވެ.

"އެމްއޭސީއެލް މެރިޓް އެވޯޑްގެ" ދަށުން ސީއެޗްއެސްސީގެ ގްރޭޑް 11ގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަންހެން ދެ ދަރިވަރުން އަދި ފިރިހެން ދެ ދަރިވަރަކަށް ކޮންމެ އަހަރަކު މި އެވޯޑް ލިބޭނެ އެވެ. މީގެ އިތުރުން، މި ދަރިވަރުންނަށް އެމްއޭސީއެލް ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ މަހްޖޫބު ވިދާޅުވީ، މި އެވޯޑުގެ އަމާޒަކީ ކުދިންގެ ކިޔެވުމުގައި ހޯދާ ކާމިޔާބީ ފާހަގަކުރުމުގެ އިތުރުން މިފަދަ ކާމިޔާބީ ހޯދާ ދަރިވަރުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އަދި އެމްއޭސީއެލްގައި އެ ދަރިވަރުންނަށް ވަޒީފާގެ ތަމްރީނާއި ތަޖްރިބާ ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ މުހިންމު މަގުސަދެއް ކަމަށާއި، އުންމީދުކުރަނީ ކިޔަވާ ނިންމުމަށްފަހު އެމްއޭސީއެލްގެ ވަޒީފާއާއި ގުޅޭ ދަރިވަރުންގެ ނިސްބަތް އިތުރުވެގެން ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ، ތައުލީމީ ގޮތުން ކުރިއެރުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ އިތުރުން ގައުމަށް ބޭނުންވާ ހިންގުންތެރި އިސްވާރުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

1979 ވަނަ އަހަރު ވުޖޫދުވެގެން އައި ސީއެޗްއެސްސީއަކީ، ރާއްޖޭގެ އޭ- ލެވެލް ކިޔަވައިދޭ ސްކޫލުތަކުގެ ތެރެއިން، އެންމެ ގިނަ ދަރިވަރުން، ގައުމީ ފެންވަރުގެ ކާމިޔާބު ހޯދަމުން އަންނަ އެއް ސްކޫލެވެ.