ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ކޮންމެހެން ބޭނުންވާ އިސްލާހުތައް ގެނެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް، ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ޖުމްލަ 67.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ)ގެ ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަލްފާޟިލް އިބްރާހިމް އަމީރާއި ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒެރްވޯސް އެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިގްތިސާދު ސިންދަފާތު ކުރުމަށްޓަކައި ދިވެހި ސަރުކާރުން އަންނަނީ ފުޅާ ދާއިރާގެ މަސައްކަތްތަކެއް ކުރަމުން،" ރާއްޖޭގެ ފިނޭންސް މިނިސްޓަރު އަލްފާޟިލް އިބްރާހިމް އަމީރު ވިދާޅުވި އެވެ. "މި ދެ މަޝްރޫއުގެ ސަބަބުން، ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ތަނަވަސްވެ، އަޅުގަނޑުމެންގެ ކާމިޔާބު މަސްވެރިކަމުގެ ސިނާއަތް ހަރުދަނާވެ، ދިގު މުއްދަތަކަށް މާލީ އަދި އިގްތިސާދީ ހަމަޖެހުން ކަށަވަރުކުރެވޭނެ މުހިންމު އިސްލާހުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެ."

ޖުމްލަ 64.8 މިލިއަން ޑޮލަރުގެ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ ދަށުން ރާއްޖެއަށް 52.8 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، މި މަޝްރޫއުގެ އަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމެވެ.

ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ގާތްގަނޑަކަށް 35 މިލިއަން މީހުންގެ ދިރިއުޅުމުގައި މަސްވެރިކަމަކީ މުހިންމު ދައުރެއް އަދާކުރާ ސިނާއަތަކަށް ވާއިރު، އޭގެ ތެރެއިން 14.3 މިލިއަން މީހުން ދިރިއުޅެނީ ބިން ތިރި އައްސޭރިފަށުގެ ސަރަހައްދުތަކުގަ އެވެ. ހަމަ އެއާ އެކު، 3.3 މިލިއަން މީހުންނަކީ ސީދާ ކަނޑުގެ މަސްވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މީހުންނެވެ. މި މަޝްރޫއުގެ އަމާޒަކީ ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި މަސްވެރިކަމުގެ ސިނާއަތް ބަލަހައްޓައި ރައްކާތެރިކުރުމުގައި ގައުމުތަކުގެ ގާބިލިއްޔަތުކަން އިތުރުކުރުމެވެ.

މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ސިންދަފާތު ކުރުމަށް ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން އޮންނަ އުސޫލުތައް ކުރިއެރުވުމާއި، ވިޔަފާރީގެ ވާދަވެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަދުވެގެން 40،000 މީހުން ތަމްރީނުކުރުމަކީ ވެސް މި މަޝްރޫއުގެ ދަށުން ކުރަން ރާވާފައިވާ ކަންކަމެވެ.

ޖުމްލަ 15 މިލިއަން ޑޮލަރު ކަނޑައަޅާފައިވާ މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް (އެމްސީޖީޕީ)ގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދުގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކޮށް، ހޮވާލެވޭ ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގެ ހިންގުން ހަރުދަނާކުރުމެވެ. މި މަޝްރޫއުގެ ޒަރީއާއިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 40،000 ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ އަދި ގާބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަގު ކޮށައިދީ، އާ މާކެޓްތަކުގައި ވާދަކުރުމަށް އާ އަދި މޫސުމާ ރައްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ. މީގެ ސަބަބުން، މިހާރު ހުރި އެހެން ކުދި ވިޔަފާރިތަކަށާއި، ވިޔަފާރިވެރިންނަށް ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ތަރައްގީކޮށް، އެ ކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިތްވަރަކަށް ވެގެން ދާނެ އެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ރީތިކަމާއި ގުދުރަތީ މުއްސަނދިކަމުގެ ބޭނުން ހިފައި، ހާއްސަކޮށް ފަތުރުވެރިކަމުގެ ޒަރިއްޔާއިން ރާއްޖޭން ވަނީ ބޮޑެތި ކުރިއެރުން ހޯދާފައި،" ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ. "މުސްތަގުބަލުގައި ރާއްޖޭގެ އަމާޒަކީ، މިހާރަށް ވުރެ ބޮޑަށް އިގްތިސާދު ސިންދަފާތުކޮށް، ދާއިރާތަކުގެ ތެރޭގައި ބަދަލުތައް ގެނެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތަކާއި މާލީ ލޮޅުންތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ބިނާކޮށްގެން މި ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުން. މި ޕްރޮޖެކްޓްތަކުގެ ސަބަބުން އެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ."

ޓްރާންސްފޯމް މަޝްރޫއު ކުރިއަށް ގެންދާނީ ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރާ އިންޑިއަން އޯޝަން ކޮމިޝަނާއި ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިންނެވެ. އެމްސީޖީޕީ މަޝްރޫއު ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފައިނޭންސުންނެވެ.