ސައުދީ އަރަބިއާގެ އެއާލައިން އަދި މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއާލައިން ފްލައިނާސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ހެނދުނު 8:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާއިރު، އެ އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓަ ސެލިއުޓް އެއް ވަނީ ދީފަ އެވެ. ފްލައިނާސްގެ ފުރަތަމަ ފްލައިޓުން 96 ފަސިންޖަރުން އައިސްފައިވެ އެވެ.

ފްލައިނާސްގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ދެންނެވުމަށް މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަޑައަޅުއްވާފައިވާ ސަފީރު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއުގެ އިތުރުން ފަލައިނަސްގެ ސޭލްސް ވައިސް ޕްރެޒިޑެންޓް އަދި ކުންފުނީގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި މީޑިއާއި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ސައުދީ މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ރާއްޖޭގެ އެހެން އެއާޕޯޓުތަކަށް ވެސް ފްލައިނާސްގެ އިތުރުން އެހެން އެއާލައިންތަކުން ދަތުރުތައް ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ސަބަބުން މުޅި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފްލައިނާސް ސޭލްސްގެ ނައިބު ރައީސް އަލެއިޑީ އަބްދުލެލައް ސުލައިމާން ވިދާޅުވީ ދިވެހިރާއްޖެއަށް ފްލައިނާސްގެ ސީދާ ދަތުރުތައް ފެށުމަކީ އެ އެއާލައިން އިން ހިންގަމުން އަންނަ ފުޅާކުރުމުގެ ޕްލޭން އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ފްލައިނަސްއިން ރިޔާދް އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު ތިން ދަތުރުކުރުމަށް ވަނީ ރާވާފަ އެވެ. މި ދަތުރުތައް ކުރުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރުމަށް ބޭނުންކުރާނީ 170 މީހުންގެ ޖާގައިގެ އެއާބަސް 320 ނިއޯ އެވެ.

ފްލައިނާސް އިން ދުބާއީ، އިސްތަންބޫލް އަދި ދޯހާ ގެ އިތުރުން ދުނިޔޭގެ މަޤްބޫލް 38 މަންޒިލަކަށް މިހާރު ވެސް ދަތުރުތައް ކުރެ އެވެ.

އެމެރިކާގެ ވާޖިން އެޓްލާންޓިކް އެއާލައިން އިންވެސް މި އަހަރުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ފްލައިނާސް އެއާލައިން ރާއްޖޭގެ މާކެޓަށް ތައާރަފްކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަރާތްތަކަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ލުއިފަސޭހަތަކެއް ލިބިގެންދިއުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ފައިދާތަކެއް ކުރާނެ އެވެ.

ފްލައިނަސް އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓަ ސެލިއުޓެއް ދެނީ

2007 ވަނަ އަހަރު ފްލައިނާސް އުފެދުނީއްސުރެ އެ ކުންފުނިން ވަނީ 60 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލާފަ އެވެ. މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއާލައިންގެ ސްކައިޓްރެކްސް އެވޯޑް ޖެހިޖެހިގެން ފަސް އަހަރު (2017، 2018، 2019 އަދި 2021) ފްލައިނާސް އަށް ވަނީ ލިބިފަ އެވެ.

މީގެ އިތުރުން ފްލައިނާސް ވަނީ ދުނިޔޭގެ ފެންވަރުގައި އޭވިއޭޝަން އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި ފޯރަމް ކަމަށްވާ ސްކައިޓްރެކްސްގެ ދުނިޔޭގެ އެންމެ އަގުހެޔޮ 10 އެއާލައިންގެ ތެރޭގައި ހިމެނިފަ އެވެ.