ސްކޫލްތައް މިއަދު ބަންދުވެ، އީދު ޗުއްޓީ ދުވަސްވަރާ ދިމާވުމުން ޑޮމެސްޓިކް ދަތުރުތަކުގެ ޑިމާންޑް އިންތިހާއަށް އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ދަތުރުކުރާ މީހުންގެ އަދަދު 2،500 އަށް އަރައިފި އެވެ.

އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ބަންދު ދުވަސްވަރާ ދިމާވުމުން ޑޮމެސްޓިކް ދަތުރުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެއާޕޯޓްތަކުން އެވްރެޖްކޮށް ދަތުރުކުރާ މީހުންގެ އަދަދު 2،500 އަށް އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެނީ ހުރިހާ ފަސިންޖަރުން ވެސް ޗެކިން ކުރަން ކުރަން ކަނޑައަޅާފައިވާ ގަޑިއަށް އެއާޕޯޓަށް ހާޒިރުވުމަށް. މި ދުވަސްވަރު އެއާޕޯޓްގެ ޓްރެފިކް ވަނީ އިންތިހާއަށް އިތުރުވެފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ޗުއްޓީ ދުވަސްވަރާއި އީދު ބަންދާއެކު އެެތެރޭގެ އުދުހުންތަކުގައި އެންމެ ބާރުބޮޑުވެފައި ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންއަށެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ސްކޫލްތައް މިއަދު ބަންދުވުމުން މިއަދު އެކަނި ވެސް 50 ދަތުރު އެކި ސަރަހައްދުތަކަށް އަޅަން ނިންމާފައިވާ ކަމަށެވެ. އަދި މާދަމާއަށް ވެސް 56 ދަތުރު މިހާތަނަށް ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އާއްމުކޮށް ކުރަނީ ދުވާލަކު ތިރީސް ދަތުރު. ނަމަވެސް ބަންދުތަކާ ދިމާވުމުން ދަތުރުތައް މިވަނީ އިންތިހާއަށް އިތުރުވެފައި،" އެ އޮފިޝަލް ވިދާޅުވި އެވެ. "ހުރިހާ އެއާޕޯޓްތަކަށް ވެސް ވަރަށް ބާރު ބޮޑު. ބާރު ކުޑަ ވަކި ތަނެއް ނެތް."

މޯލްޑިވިއަން އިން ދަނީ ވީއައިއޭ އާއި ރާއްޖޭގެ 16 އެއާޕޯޓަކާ ދެމެދު ދަތުރުތައް ކުރަމުންނެވެ. މީގެ އިތުރުން ދެން ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދެނީ މަންޓާ އެއާ އާއި ވިލާ އެއާ އިންނެވެ. ނަމަވެސް މަންޓާ އެއާ އާއި ވިލާ އެއާ އިން ދަތުރުކުރަނީ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ވަރަށް މަދު މަންޒިލަކަށެވެ.