މެލޭޝިއާގެ ބަޓިކް އެއާ އިން ރާއްޖެ އާއި މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރާ ދެމެދު ސީދާ ދަތުރުތައް ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި ބަޓިކް އެއާގެ ފުރަތަމަ ފްލައިޓް ރާއްޖެއަށް އައީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުންނެވެ.

ބަޓިކްއެއާގެ ފުރަތަމަ ފްލައިޓުން ދަތުރުކުރި މީހުންނަށް ހޫނު މަރުހަބާއެއް ކިއުމުގެ ގޮތުން އެމްއޭސީލުން ހާއްސަ ހަފްލާއެއް ވެސް އިއްޔެ ބޭއްވި އެވެ. އެގޮތުން ބަޓިކް އެއާގެ ފްލައިޓް ވީއައިއޭއަށް ޖެއްސުމުން ވޯޓާ ސެލިއުޓެއް ދިނެވެ. އެ ފްލައިޓް ރާއްޖެއަށް 121 ފަސިންޖަރުން ވަނީ އައިސްފަ އެވެ.

ބަޓިކް އެއާގެ ދަތުރުތައް ފެށުމުގެ ގޮތުން އިއްޔެ އައި ބޯޓު ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއޭސީއެލް

ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ އެއްކޮޅު ދަތުރުގެ އަގެއްގެ ގޮތުގައި އެ އެއާލައިނުން ކަނޑައަޅާފައި ވަނީ 699 ރިންގިޓް ނުވަތަ ގާތްގަނޑަކަށް 2،500ރ. އެވެ.

ކުރިން މަލިންޑޯ އެއާގެ ނަމުގައި ހިންގި އެއާލައިން ރީބްރޭންޑުކޮށް ބަޓިކް އެއާގެ ނަމުގައި ފަށައި މިހާރު 52 މަންޒިލަކަށް ދަތުރުކުރެ އެވެ.

ބަޓިކް އެއާގެ އިތުރުން ސައުދީގެ ބަޖެޓު އެއާލައިނަކުން ވެސް ރާއްޖެއަށް ދަތުރުތައް ފަށަން ވަނީ ނިންމާފަ އެވެ. މެލޭޝިއާ އަދި މެދުއިރުމައްޗަކީ ދިވެހިންގ މެދުގައި ދަތުރު ކުރުމަށް އެންމެ މަގުބޫލު މަންޒިލްތަކެވެ.