އޮމާން އެއާގެ ސީދާ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.

މިއަހަރުގެ ހޫނު މޫސުމާއި ދިމާކޮށް އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިއްޔެ ފަށާފައިވާއިރު ހަފްތާއަކު ހަތަރު ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުތައް ކުރާނީ އޮމާންގެ ވެރިރަށް މަސްކަޓުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށެވެ. މިދަތުރުތަކުގެ އަގު އުޅެނީ މީހަކަށް 385 ޑޮލަރަށެވެ.

އޮމާން އެއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 2009 ވަނަ އަހަރު އެވެ. ނަމަވެސް 2016 ވަނަ އަހަރު އެދަތުރުތައް ވަނީ ހުއްޓާލާފަ އެވެ. އަދި 2018 ވަނަ އަހަރު އެއެއާލައިނުން ވަނީ އަނެއްކާވެސް ރާއްޖެއަށް ދަތުރުތައް ފަށައިފަ އެވެ. މިހާރު އެ އެއާލައިނުން ރާއްޖެއަށް ކުރަމުންދަނީ ޗާޓަރު ދަތުރުތަކެކެވެ.

މިހާރު ވެސް ރާއްޖެއަށް ބޭރުގެ 35 އެއަރލައިނަކުން އަންނަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އަދި މި ހަފްތާގެ ތެރޭގައި ވެސް އިތުރު ދެ އެއާލައިނަކުން ވަނީ ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފަ އެވެ. އެއީ މެލޭޝިއާގެ ބަޓިކް އެއާލައިންއާއި އަދި ސައުދީ އަރަބިއްޔާގެ ފްލައިނާސް އެއާލައިނެވެ.