މި އަހަރުގެ މޭ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 48.1 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޢަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 11.4 އިންސައްތަ އިތުރުވެފަ އެވެ.

މި އަހަރުގެ މެއި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 48،129،659 ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެތެރެއިން 48،109،756 ދިވެހި ފައިސާއިން ދައްކާފައިވާއިރު 1300 ޑޮލަރު ވެސް ވަނީ ދައްކައިފަ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި މޭ މަހު ލިބިފައިވަނީ 4.5 މިލިއަން ރުފިޔާ އެވެ. އަދި އޭޕްރީލު މަހު 22.3 މިލިއަން ރުފިޔާ ލިބިފައިވާއިރު މާޗް މަހު ލިބިފައިވަނީ 11.1 މިލިއަން ރުފިޔާ އެވެ. ފެބްރުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ ފަސް މިލިއަން ރުފިޔާ އަދި ޖެނުއަރީ މަހު ލިބިފައިވަނީ 5.1 މިލިއަން ރުފިޔާ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައި ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މިނވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 7312.55 ރުފިޔާ އެވެ.