މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ތައިލެންޑް މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް ބެންކޮކް ޕޯސްޓާއެކު ކެމްޕޭނެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މިކެމްޕޭން ކުރިއަށްދާނީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ކަމަށެވެ. މިކެމްޕޭންގެ މައިގަނޑު މަގުސަދަކީ ތައިލެންޑުގައި ރާއްޖޭގެ ބްރޭންޑް ހަރުދަނާކޮށް، ރާއްޖޭގެ ހާއްސަކަން ދައްކާލައި، ދެކުނު އިރުމަތީ އޭޝިއާގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

ބެންކޮކް ޕޯސްޓަކީ ތައިލެންޑްގައި އެންމެ ކުރިއަރާފައިވާ އިނގިރޭސި މީޑިއަމްގެ މާސް ޕަބްލިކޭޝަނަށް ވާއިރު، ދެ މިލިއަނަށް ވުރެ ގިނަ ކިޔުންތެރިން ކޮންމެ މަހަކު ބެންކޮކް ޕޯސްޓް ކިޔަ އެވެ.

އެމްއެމްޕީއާރުސީން ބުނިގޮތުގައި ބެންކޮކް ޕޯސްޓާއެކު ކުރިއަށްގެންދާ މި ކެމްޕޭންގެ ސަބަބުން ތައިލެންޑްގައި ފުޅާ ދާއިރާއެއްގައި ރާއްޖެ އިޝްތިހާރުވާނެ ކަމަށް ލަފާކުރެވެ އެވެ. މި ކެމްޕޭނަކީ ތައިލެންޑްގެ މާކެޓުގައި ރާއްޖެ ބްރޭންޑް ހަރުދަނާ ކުރުމަށް އެމްއެމްޕީއާރުސީގެ ތައިލެންޑްއަކީ ސީ ރީޖަންގެ މުހިންމު މާކެޓެކެވެ.

މި އަހަރު އެމްއެމްޕީއާރުސީއިން ތައިލެންޑް މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގާފައިވެ އެވެ.

މި އަހަރު ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި މީޑިއާ ކެމްޕޭނެއް ހިންގުމާއި، ދެކުނު އިރުމަތީ އޭޝިއާގައި މޯލްޑިވްސް ރޯޑްޝޯއެއް ބޭއްވުމާއި، ނާޓާސް ހޮލިޑޭސް 2023 އަދި އައިޓީބީ އޭޝިއާ 2023ގައި ބައިވެރިވުން ހިމެނެ އެވެ.