އޭޝިއަން ސަރފިން ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

8 އިން 17 ޖުލައިގެ ނިޔަލަށް ކ. ތުލުސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ބައިނަލްއަގްވާމީ އަދި ދިވެހި އެތުލީޓުންވެސް ބައިވެރިވާނެ އެވެ. އެގޮތުން މި އިވެންޓުގައި 15 އަށް ވުރެ ގިނަ ގައުމުން ރާޅާއެޅުންތެރިން ހިމެނޭއިރު ރާއްޖޭގެ ހަ އެތުލީޓުން ހުރިހާ ކެޓެގަރީއެއްގައިވެސް ވާދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

"އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަށްވެ، މި ބައިނަލްއަޤްވާމީ މުބާރާތް އަޅުގަނޑުމެންގެ ޖަޒީރާ ޤައުމުގައި ބޭއްވުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި ފަރާތްތަކަށް މި އިވެންޓް ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން ވާނީ ދިރާގުގެ ހައި ސްޕީޑް ޑިޖިޓަލް ކަނެކްޓިވިޓީ މެދުވެރިކޮށް އެފަރާތްތަކަށް ފުރިހަމައަށް ޓޯންމެންޓް ބަލާލުމުގެ ފުރުސަތު މަގުފަހިކޮށްދީފައި،" ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް،" މުޙައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

" އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދިޔުމަށް ދިރާގުން ވެދެއްވާ ދީލަތި އެހީތެރިކަމަށް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ކޯވިޑް-19 ގެ ސަބަބުން އައި މެދުކެނޑުމަކަށް ފަހު މި އިވެންޓްގެ ސަބަބުން އަނެއްކާވެސް ދިވެހި ރާޅާއެޅުންތެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ވިދާލުމުގެ ފުރުސަތު ލިބިގެންދާނެ. އަދި މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަޅުގަނޑުމެންގެ ދުނިޔޭގެ ފެންވަރުގެ ސަރފް ބްރޭކްތައްވެސް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް. އެހެންކަމުން މިކަން މަގުފަހިކޮށްދިނުމަށް ދިރާގުން ދެމުންގެންދަވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ޗެއާމަން، މުޙައްމަދު ސޮބާހް ވިދާޅުވި އެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.