އެމްޕީއެލްގެ ހައުސިން ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ތިން ޓަވަރުގެ އެޕާޓްމަންޓްތަކުގެ މަސައްކަތްތައް އޮގަސްޓް މަހުގެ ނިޔަލަށް މުޅިން ނުންމާލައި މުވައްޒަފުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

ޝާހިދު ވިދާޅުވީ މުވައްޒަފުން ފްލެޓްތަކުގައި ދިރިއުޅެން ފަށާ ދުވަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ފްލެޓްތަކުން ކުއްޔެއް ނުނަގާނެ ކަމަށެވެ.

އެމްޕީއެލްއިން އިމާރާތްކުރާ ތިން ޓަވަރުގައި މިހާރު ކުރިއަށްދަނީ ލިފްޓާއި ކަރަންޓާއި ފެން އަދި ފިނިޝިންގެ މަސައްކަތްތަކެވެ. އެމްޕީއެލްގެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށް ބުރާސްފަތި ދުވަހު ޝާހިދު ވަނީ ޓަވަރުތަކަށް ޒިޔާރަތްކުރައް ވާފަ އެވެ.

"އަޅުގަނޑުމެން މި ބަލަނީ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަސް ނިންމާލާފައި މުވައްޒަފުންނާ ފްލެޓްތައް ހަވާލުކުރަން. އެއީ ކަބަޑް ސެޓް ޖެހުމާއި އެހެނިހެން ބައެއް ކަންތައްތައް ކުރުމަށް،" ޝާހިދު ވިދާޅުވި އެވެ.

"ދެން ހުރިހާ މަސައްކަތްތަކެއް އޮގަސްޓް މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ކޮންޓެކްޓަރު ބުނަނީ. އެހެންވީމަ އޮގަސްޓް މަހަށްފަހު މުވައްޒަފުންނަށް އެ ފްލެޓްތަކުގައި ދިރިއުޅެވޭނެ."

ޝާހިދު ވިދާޅުވީ މުވައްޒަފުން ފްލެޓްގައި އުޅެން ފަށާ ދުވަހުން ފެށިގެން މި އަހަރުގެ ނިޔަލަށް އެއްވެސް އެޕާޓްމަންޓަކުން ކުއްޔެއް ނުނަގާނެ ކަމަށެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އިމާރާތްކޮށްފައި ވަނީ 15 ބުރީގެ ތިން ޓަވަރެވެ. އެއީ އެއްކޮޓަރީގެ 204 ޓަވަރާއި 1+2 ކޮޓަރީގެ 330 އެޕާޓްމަންޓެވެ.