ހުސްވި ޖޫން މަހު މީރާއަށް 1.61 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެއިދާރާއަށް ބަލައިގެންފައިވަނީ 1.61 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 48.42 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

މިރާއިން ބުނީ މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 31.7 އިންސައްތަށް އަދަދެކެވެ. އަދި ޖޫން މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 42.9 އިންސައްތަ ގިނަ އަދަދެކެވެ.

މީރާއިން ބުނީ މިދިޔަ މަހު އެއިދާރައަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުން ކަމަށެވެ. އެއީ 604.21 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 474.35 މިލިއަން ރުފިޔާ އެވެ.މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 231.13 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 68.67 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 64.74 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 169.34 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެ އެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހާއި އާޅާބަލާއިރު މިއަހަރުގެ ޖޫންމަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމެވެ. މީގެ ސަބަބަކީ، 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، ސުންގަޑީގެ ތާރީހު ޖުލައި 2023 އަށް ފަސްވުން ކަމުގައި މީރާއިން ބުނެ އެވެ.

މީގެ އިތުރުން، ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީ ގެ ސުންގަޑި ވެސް ވަނީ ރަސްމީ ބަންދު ދުވަހަކަށް ދިމާވުގެ ސަބަބުން ޖުލައި 2023 އަށް ފަސްކޮށްފައިކަމަށް މީރާއިން މައުލޫމާތުދެ އެވެ.

ޖޫން 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ބޭންކް އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ޖީ.އެސް.ޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވުން ކަމަށް މީރާއިން މައުލޫމާތުދެ އެވެ. މި ޓެކްސްތައް ދެއްކުމުގެ ސުންގަޑި ޖުލައި މަހަށް ފަސްކޮށްފައި ވީ ނަމަވެސް، ޓެކްސް ދައްކާ ބައެއް ފަރާތްތަކުން ސުންގަޑީގެ ކުރިން ފައިސާދައްކައިފައިވާކަމަށް މީރާއިން ހާމަކުރެ އެވެ.