އަންނަ އަހަރު އޮންނަ "އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024" ބާއްވާ ރަސްމީ ފަރާތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަން އިއުލާންކޮށްފިއެވެ.

މިކަން އިއުލާންކޮށްފައި ވަނީ އެމެރިކާގެ ސެންފްރެންސިސްކޯގައި މިމަހުގެ 17 އިން 19 އަށް ކުރިއަށްގެންދިޔަ މިއަހަރުގެ ކޮންގްރެސް އިވެންޓެއްގެ ތެރެއިންނެވެ. މި އިވެންޓުގައި އެމްއޭސީއެލްގެ ސީއީއޯ މަހްޖޫބު ޝުޖާއު ވަނީ ކޮންގްރެސްގެ ބައިވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށާއި ދިވެހި ރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީ ބައްލަވާލެއްވުމަށް ދައުވަތު ދެއްވާފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިއީ އޭވިއޭޝަން ދާއިރާއިން، ބައިނަލްއަގުވާމީ، މިފަދަ ޝަރަފްވެރި އަދި ބޮޑު ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އަންނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެކިކަންކޮޅުތަކުގެ އޭވިއޭޝަން ދާއިރާގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރެވި، ދުނިޔޭގެ ވައިގެ ޚިދުމަތުގެ ކުރިއެރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޕްލެޓްފޯމެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

"އިންޑިއާ ކަނޑު ދުނިޔޭގެ އެކި ހިސާބުތަކަށް ގުޅުވާލަދޭ، މައި ހަބެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެގައި އޭވިއޭޝަން އިންޑަސްޓްރީގެ ވާހަކަތައް ދެއްކުމަށް މަގުފަހިކޮށްދިނުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބުނު ޝަރަފެއް،" އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވި މިއަހަރުގެ ކޮންގްރެސް އިވެންޓެއްގައި އެމްއޭސީއެލްގެ ސީއީއޯ މަހުޖޫބު ޝުޖާއު ބައިވެރިވަނީ. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނިގޮތުގައި ރާއްޖޭގައި ބޭއްވޭ މި ކޮންގްރެސްގެ ތެރެއިން، ކޮންގްރެސްގެ ބައިވެރިންނަށް ވައިގެ ހިދުމަތްދިނުމުގެ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތުފަހިވެގެން ދިއުމުގެ އިތުރުން، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކައި ގުޅުން ބަދަހިކުރުމަށްވެސް މަގުފަހިވެގެންދާނެ އެވެ. އަދި މި މުޢާމަލާތްތަކުގެ ސަބަބުން، ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކަށް ދަތުރުކުރާނެ އެއާލައިންތައް އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް އަދި މުޅި ވައިގެ ޚިދުމަތް ކުރިއެރުމަށް އާ ވިސްނުންތަކާއި، އީޖާދީ ގޮތްތައް ހޯދުމުގެ މަގުތައް ފަހިވެގެންދާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެ އެވެ.

މީގެ އިތުރުން، މި ކޮންގްރެސް މެދުވެރިކޮށް ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު މަންދޫބުންނަށް ފަހިވެގެންދާއިރު، ދިވެހިރާއްޖޭގެ ރަށްތަކުގެ ރީތިކަން އަމިއްލައަށް ވަޒަންކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވެސް ލިބިގެންދާ ފަހި ފުރުސަތެއް އެމްއޭސީއެލް އިން ދެކެ އެވެ.

މި ކޮންގްރެސް ވީއައިއޭ އިން ހޮސްޓްކުރުމާއި ގުޅޭގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ސީއީއޯ މަހްޖޫބު ވިދާޅުވީ، އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް އެ ކުންފުނިން ކުރާ މަސައްކަތަށް މި މުހިންމު ހަރަކާތުން އަލިއަޅުވާލެވޭނެ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އެމްއޭސީއެލްގެ އިންފްރާސްޓްރަކްޗާ ބަދަލުކޮށް އޮޕަރޭޝަނަލް ކެޕޭސިޓީ ފުޅާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދިފައި ކަމަށް އޭނާ ވިދާޅުވި އެވެ

"އާ ސީޕްލޭން ޓާމިނަލް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތަކުން ފެށިގެން އާ ކޯޑް އެފް ރަންވޭއެއް އެޅުމާއި އެހެނިހެން ވަސީލަތްތަކާއެކު، ފަސިންޖަރުންނާއި އެއާލައިންތަކުގެ ބޭނުންތައް ފުއްދުމަށްޓަކައި އަޅުގަނޑުމެންގެ ޚިދުމަތްތައް އަބަދުވެސް މިދަނީ ހަރުދަނާކުރަމުން. މި ކޮންގްރެސްގެ ސަބަބުން އަޅުގަނޑުމެންނަށް މި ކުރިއެރުންތައް ދައްކުވައިދީ، ބައިނަލްއަޤްވާމީ އެއާލައިންތަކާއެކު ގުޅުން ބަދަހިކުރުމަށް އަގުހުރި ފުރުޞަތުތައް ލިބިގެންދާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރިއެރުމުގެ ވާހަކައިގެ އާ ބާބެއް އުފެދި، މި ސަރަހައްދުގެ ލީޑިން އެއާޕޯޓް އޮޕަރޭޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މަގު އިތުރަށް ހަރުދަނާވެގެންދާނެ،" މަހުޖޫބު ވިދާޅުވި އެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 އަށް މަންދޫބުންނަށް މަރުޙަބާ ދެންނެވުމަށާއި، މި ކޮންގްރެސް އަކީ ކާމިޔާބު ކޮންގްރެސް އަކަށް ހެދުމަށް އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ކޮންގްރެސް އޮންނާނީ އަންނަ އަހަރު ޖުލައިމަހުގެ ތެރޭގަ އެވެ.