މާލޭގައި މިހާރު ފެތުރެމުންދާ ހުމާއި ރޯގާއަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ވަރަށް އެސްޓީއޯގެ ބޭސްފިހާރަތަކުގައި ސްޓޮކް އެބަހުރި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން އެސްޓީއޯގެ ފާމަސީތަކުން ބޭސްގަނަގާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެސްޓީއޯއިން ބޭސް އެތެރެކުރަމުންދަނީ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާކުރެވިގެން ރާއްޖެއަށް ބޭނުންވާނެ މިންވަރު ދެނެގަނެވި އިސްރާފުވެސް ކުޑަވާނެ ގޮތަށް ބެލި އަދި ބޭހުގެ ފެންވަރާމެދު ސުވާލެއްވެސް ނުއުފުދޭ މިންވަރަށް ބެލިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި މޫސުމީ ރޯގާތަށް ފެތުރޭ ދުވަސްވަރުތައް ދެނެގަނެވި އެ ދުވަސްވަރަށް ބޭނުންވާ ބޭސްތައް އަބަދުވެސް ހުސްނުވެ އެ ކުންފުނިން ފޯރުކޮށްދޭ ކަމަށް އެސްޓީއޯ އިން ބުންޏެވެ. މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއާއެކު، އެފަދަ ރޯގާތަކަށް އާއްމުކޮށް ދެވޭ ބޭސްތަކުގެ ޑިމާންޑް އިތުރުވެފައިވީނަމަވެސް އެ ކުންފުނިން އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އަރުވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ހުމާއި ރޯގާ ފެތުރި މާލޭގެ ހޮސްޕިޓަލްތަކުގައި އިމަޖެންސީ ރޫމްތައް ވަނީ ފުރިފަ އެވެ.