މިދިޔަ ބޮޑު އީދު ބަންދާއި ސްކޫލު ބަންދު ތެރޭގައި 3،696 ދަތުރު މޯލްޑިވިއަނުން ކޮށްފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިމަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް 3،696 ދަތުރުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ޝެޑިއުލް 3،528 ދަތުރާއި އަދި ޑިމާންޑް ބޮޑުވުމުން އިތުރަށް ކުރި 168 ދަތުރު ހިމެނެ އެވެ.

މި މުއްދަތުގެ ތެރޭގައި މޯލްޑިވިއަނުން އެންމެ ގިނަ ދަތުރު ބާއްވާފައި ވަނީ ގއ. ކޫއްޑޫ އެއާޕޯޓަށެވެ. އެއީ މުޅި ޖުމްލަ 510 ދަތުރެވެ. 2 ވަނައަށް އެންމެ ގިނަ ދަތުރު ބާއްވާފައި ވަނީ ގދ. ކާޑެއްދޫ އަށެވެ. އެއީ 453 ދަތުރުކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

އާންމު ގޮތެއްގައި އެ މުއްދަތުގައި ދަތުރުކޮށްފައިވާ މީހުންގެ އަދަދަކީ 122،784 ކަމަށް ވީނަމަވެސް، ޖޫން މަހުގެ 15 ދުވަހުން ފެށިގެން މިމަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް 132،512 މީހުން ދަތުރުކޮށްފައިވެ އެވެ. މިއީ 9،728 މީހުންގެ އިތުރުވުމެކެވެ.

މި މުއްދަތުގައި އެންމެ ގިނަ މީހުން ދަތުރުކޮށްފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއީ 19،608 މީހުން ކަމަށް މޯލްޑިވިއަންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި އެންމެ މަދުން މީހުން ދަތުރުކޮށްފައި ވަނީ ތިމަރަފުށި އެއާޕޯޓަށެވެ. އެއީ 1،669 މީހުންނެވެ.

މޯލްޑިވިއަންގެ ފްލީޓް އައުކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ މިއަހަރުގެ ތެރޭގައި އޭޓީއާރު މަރުކާގެ ދެ ބޯޓު ގެނެސްފަ އެވެ. އަދި އިތުރު ބޯޓު ހޯދުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.