މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާ) އަށް 3.53 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާއިން ބުނެފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 32.5 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 10.6 ޕަސެންޓް ގިނަ އަދަދެކެވެ.

މީރާއިން ބުނިގޮތުގައި، ޖުލައި 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ނޮން- ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް އަދި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މީގެ ސަބަބަކީ، 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، ސުންގަޑީގެ ތާރީޚު ޖުލައި 2023 އަށް ފަސްވެފައިވާތީކަމަށް މީރާއިން ބުނެ އެވެ. މީގެ އިތުރުން، ޖޫން 2022 އާއި އަޅައިބަލާއިރު، ޖޫން 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8.5 ޕަސެންޓް އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް އަދި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވުންކަމަށް މީރާއިން ބުނެ އެވެ. މީގެ އިތުރުން 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓެރިމް ބަޔާން ހުހަޅައި ފައިސާދެއްކުމުގެ ސުންގަޑި 2023 ވަނަ އަހަރުގެ ޖުލައި މަހަށް ފަސްކޮށްފައިވުމާއެކު، އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ކަމަށް މީރާއިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 52.28 ޕަސެންޓް ނުވަތަ 1.85 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 34.41 ޕަސެންޓް ނުވަތަ 1.22 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 155.68 މިލިއަން ރުފިޔާ (4.41 ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 91.02 މިލިއަން ރުފިޔާ (2.58 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 61.92 މިލިއަން ރުފިޔާ (1.75 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 161.41 މިލިއަން ރުފިޔާ (4.57 ޕަސެންޓް) ލިބިފައިވެއެވެ.

ޖުލައި 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 104.57 މިލިއަން ޑޮލަރު ހިމެނެ އެވެ.