ފުރަތަމަ ފަހަރަށް ރާއްޖޭގެ ރިސޯޓެއްގައި ޓޫރިސްޓުންނަށް ފުރުމުގެ ކުރިން ކޮވިޑް-19 އަށް ޕީސީއާރު ޓެސްޓް ހަދައިދޭން ފަށައިފި އެވެ.

ޓޫރިސްޓުންނަށް ކޮވިޑް ޓެސްޓް ހަދައިދޭން ފަށާފައި ވަނީ މަރާމާތަށް ފަހު މިދިޔަ މަހު 16ގައި އަލުން ހުޅުވި، މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ އެލްޓީއައި މާފުށިވަރުންނެވެ.

މާފުށިވަރު ރިސޯޓުން ބުނީ އެތަނުގައި ޓޫރިސްޓުންނަށް ކޮވިޑަށް ޓެސްޓް ހަދައި ނަތީޖާ ދޫކުރަން ނިންމީ، ޓޫރިސްޓުން އެހެން ތަނަކަށް ގޮސް އެ ޓެސްޓް ހެދުމަށް އުފުލަން ޖެހޭ ތަކުލީފަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެގޮތުން ޑިސެމްބަރު 15ގެނިޔަލަށް އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންނަށް އެ ޓެސްޓް ހަދައިދޭނެ ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.

ރާއްޖެއިން ފުރުމުގެ ކުރިން ޓޫރިސްޓުން ކޮވިޑް ޓެސްޓް ހަދައި، ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހެ އެވެ. އަދި އިއްޔެއިން ފެށިގެން ޓޫރިސްޓުންނަށް ރާއްޖެ އާދެވެނީ ފުރުމުގެ 72 ގަޑިއިރުގެ ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާ ހުށަހެޅުމުންނެވެ.

އދ. އަތޮޅުގައި، ސީޕްލޭނެއްގައި 25 މިނިޓުން ދެވޭ ހިސާބުގައި އޮންނަ މާފުށިވަރު އަލުން ހުޅުވިއިރު 81 ކޮޓަރި ހުރެ އެވެ. އޭގެ ތެރޭގައި، ބީޗު ކޮޓަރިތަކުގެ ތިން ވައްތަރެއްގެ އިތުރުން، ދެ ވައްތަރެއްގެ މޫދު ކޮޓަރި ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ކެޓަގަރީގެ ކޮޓަރިތަކުގައި ޕްރައިވެޓް ސްވިމިން ޕޫލް ވެސް ހުރެ އެވެ.

ކުރިން ޔުނިވާސަލް ރިސޯޓްސްގެ ދަށުން ހިންގި ރިސޯޓު "އެލްޓީއައި" ބްރޭންޑްގެ ދަށުން މިހާރު ހިންގަނީ ޔޫރަޕްގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ޑީއީއާރު ޓޫރިސްޓިކް ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގާއިރު، އެ ކުންފުނީގެ ހޮޓާތައް ޖަރުމަނާއި ސުވިޓްޒަލެންޑްގެ އިތުރުން އޮސްޓްރިއާ އަދި އިނގިރޭސިވިލާތުގައި ހުރެ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމުން މާޗް މަހު ބޯޑަރު ބަންދުކުރުމަށްފަހު ޓޫރިސްޓުންނަށް އަލުން ހުޅުވާލީ މިދިޔަ ޖުލައި 15 ވަނަ ދުވަހު އެވެ.