ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ހާއްސަކޮށްގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފި އެވެ.

އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކެއާ ސޮސައިޓީގެ ހަތަރު ދަރިވަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތު މާހުލުގެ ތެރެއިން ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ ހޯދުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އެމްއޭސީއެލްއާއި ކެއާ ސޮސައިޓީ ގުޅިގެން ހިންގި މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ މޭއި 1 އިން ޖުލައި 31ގެ ނިޔަލަށެވެ.

ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރުމަށް އެއަޕޯޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިންޓާންޝިޕްގެ ބައިވެރިންނަށް، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު މަހްޖޫބް ޝުޖާއު ވަނީ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ. އަދި މި ހަފްލާގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންގެ އިތުރުން ކެއާ ސޮސައިޓީގެ އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވި އެވެ.

އެމްއޭސީއެލްއިން ބުނީ ތިން މަސްދުވަހަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ކޮންމެ މަހަކު ހާއްސަ އެލަވަންސް ދިން ކަމަށެވެ. އަދި އެމްއޭސީއެލްގެ އެކިއެކި ސެކްޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދިން ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތާއި، ކަސްޓަމާ ސާވިސްގެ މަސައްކަތުގެ އިތުރުން، އެހެނިހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އިންޓާންގެ ބައިވެރިންނަށް ދީފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ހާއްސަކޮށްގެން އެމްއޭސީއެލް އިން ކުރިއަށްގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއޭސީއެލް

އެ ކުންފުނިން ބުނީ މި ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ، ސުޕަވައިޒަރުންގެ އިރުޝާދާއެކު، މަސައްކަތުގެ މާހުލުގައި މަސައްކަތުގެ ތަޖްރިބާ ލިބިދީފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަ، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، މިއީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖްތަމައުގައި ތިބި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް، އެފަރާތްތައް ބާރުވެރިކޮށް، ދެމެހެއްޓެނިވިގޮތެއްގައި ދެވޭ އެހީތެރިކަމެއް ފޯރުކޮށްދެވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގެ ސަބަބުން، ބައިވެރިންނަށް މަސައްކަތުގެ ތަޖްރިބާ ލިބިގެންދިއުމުގެ އިތުރުން، އެ ކުދިންނަށް މަސައްކަތުގެ މާހައުލަށް ނިކުތުމަށް އެޅުނު ބިންގަލަކަށް ވެގެންދާނެ ކަމަށް އަރީފް ވިދާޅުވި އެވެ.

އެމްއޭސީއެލްްއިން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފާއިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.